ލިބުނު ޖިންސީ އަނިޔާތަކަށް، ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރިކުށުގެ ދައުވާ ސާބިތުވެ އޭނާގެ ފިރިމީހާ އިބްރާހީމް ޝާހު ތިން އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން ދައުލަތުން އެމައްސަލަތައް އަލުން ހައިކޯޓުގައި އިސްތިއުނާފްކުރީ އެވެ. އަނިޔާ ލިިބުނު މީހާގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހައިކޯޓުން އެހުކުމުގެ އިތުރު ތަފްސީލު ހާމައެއް ނުކުރައްވައެވެ.
ރޭޕްގެ ދައުވާ ޝާހުގެ މައްޗަށް ސާބިތުވެފައިވާއިރު، ދެން ހުރި މައްސަލަތަކުގެ ހުކުމް ހައިކޯޓުން އަދި ނީއްވަ އެވެ. އެގޮތުން މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާގެ މައްސަލަތަށް ކޯޓުގައި ކުރިއަށްދެ އެވެ.
ޒިޔާދާ އާއި ގަދަކަމުން ޝާހު ގުޅުން ހިންގައި، ދިން އަނިޔާތަކަށް ފަރުވާދެނިކޮށް ޒިޔާދާ މަރުވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ.
ރޭޕްކުރި ކުށުގެ ދައުވާ ޝާހުގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައިި ވިދާޅުވީ، ހައިކޯޓުގެ ޙުކުމަކީ ކާމިޔާބީއެއްކަމަށެވެ. އަދި ޝާހުގެ މައްޗަށް އުފުލާފައިހުރި އިތުރު ދައުވާތައް ވެސް އޭނާގެ މައްޗަށް ސާބިތުވެ އޭނާ ޖަލަށް ލެވޭނެކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމާ ޝަމީމް ހަވާލުވެވަޑައިގެންނެވި ފަހުން ހައިކޯޓުގައި ވަކާލާތު ކުރެއްވި ފުރަތަމަ މައްސަލަ އެވެ. މިއީ ގާނޫނުލްއުގޫބާތުގެ ދަށުން އަނބިމީހާ ރޭޕް ކުރުމުގެ ކުށުގެ ދައުވާއެއް މީހެއްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ޒިޔާދާގެ މަރާ ގުޅިގެން 2016 ވަނަ އަހަރު ފުލުހުން ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައިވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ. އެ ހާދިސާއަށްފަހު ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔަ ކަމަށާއި، އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެ އެވެ.
ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ވަނީ އަނިޔާ ލިބިފަ އެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އޭގެ ތެރެއިން އެއް މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމަކީ ތާރީޚީ ނިންމުމެވެ. ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމަކީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ޝާހުގެ މައްޗަށް އިއްވީ އެ ކުށަށް ގާނޫނުގައި ދެވެން އޮތް އެންމެ ބޮޑު އަދަބެވެ.
"ފިރިމީހާ އަނބިމީހާ ރޭޕް ކުރުން" މި ކުށަކީ ޖިންސީ ކުށުގެ ގާނޫނުގައި ވަކި ކުށެއްގެ ގޮތުގައި އޮންނަ އަމަލަށް ވިޔަސް، މިއީ ކުރިން ބަހުސް ކުރެވިގެން ދިޔަ މައުލޫތަކެވެ. ހައި ކޯޓުގެ ހުކުމުގައި ފަނޑިޔާރު ވަނީ އެކަމަށް ވަރަށް ބޮޑަށް އަލި އަޅުވާލައި، އެކަން ކުށަކަށް ވާނީ ކިހިނެއް އަދި ކޮން ގޮތަކަށްކަން ގާނޫނާއި އިސްލާމީ ޝަރީއަތުގެ ނައްސުތަކާ ހަވާލާދީ ބަޔާންކޮށްދީފައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިއާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައިވާ ގޮތުން "ރޭޕް" އެ ބަސް އޮތަސް، ފިރިމީހާ އަނބިމީހާ ރޭޕް ކުރުމަކީ ރޭޕްގެ އާންމު މާނައިގެ ބޭރުން، ވަކި ޚާއްސަ ހާލަތްތަކެއްގައި ކަންކަން ވެގެންދާ ގޮތުން އުުފެދޭ ކުށެކެވެ. އެހެންވެ، ބަލަންވީ ކުށުގެ ނަމަށް ނޫން ކަމަށާއި ބަލަންވީ އަމަލު ކަމަށްވާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށް ކަމަށް ހުކުމުގައިވެ އެވެ. އަދި އަނބިމީހާ އަށް ވެސް ބައެއް ހާލަތްތަކުގައި ޖިންސީ ގުޅުމަށް ދެކޮޅު ހެދުމުގެ ފުރުސަތު އޮންނަކަން އިސްލާމީ ޝަރީއަތުގެ އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަން ފާހަގަކޮށް، އޭގެ ބައެއް މިސާލުތަކުގެ ގޮތުން މާބަނޑު ދުވަސްވަރާއި ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ ހާލަތްތައް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
"ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބިނާވާން ޖެހޭނީ ލޯތްބާއި އިހްތިރާމްގެ މައްޗަށްކަން އެނގެ އެވެ. އެމަގުން ބޭރުވެ، އަންހެނުންނަށް އަދި އަނބިންނަށް އަނިޔާލިބޭ ގޮތަށް ކަންކަން ކުރުމަކީ ބުނެވުނު އާޔަތްތަކުންނާއި ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުތަކުން އަހަރުމެންގެ މައްޗަށް އަމުރު ކުރެވިގެންވާ ގޮތާއި އަދި ދަސްކޮށްދީފައިވާ ގޮތާ ކަނޑައެޅިގެން ޚިލާފްވުން ކަމުގައި ނޫނީ ނުވާނެ..." ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައި ވަނީ، ފިރިމީހާ އަނބިމީހާ ރޭޕް ކުރުމަކީ ކުށެއްކަމަށް ޖިންސީ ކުށުގެ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމަށެވެ.
ފަނޑިޔާރު ސަމީރު ނެރުއްވައި ބެންޗުގައި ދެން ތިއްބެވި އަނެއް ދެ ފަނޑިޔާރުން ތާއީދު ކުރެއްވި ރައުޔުގައި ވިދާޅުވެފައި ވަނީ އާންމު މާނައިގައި، ރޭޕް ކުރުން މި ލަފްޒު ބޭނުންކުރަނީ ދެމަފިރިންކަމުގައި ނުވާ ދެމީހުންގެ މެދުގައި، އެ މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލާ، ވެއްދުމަށް ކަމަށެވެ.
އެއީ ތިމާގެ އަމިއްލަ އަނބިމީހާއަކީ، ޖިމާއުވުމުގެ ހުއްދަ އޮންނަ ފަރާތަކަށްވާތީ، އަނބިމީހާއާމެދު ގަދަކަމުން އެފަދަ އަމަލެއް ހިންގުމަށް "ރޭޕްކުރުން" މި ލަފްޒު ބޭނުންކުރެވޭތީ ފަހަރުގައި އޮޅުމެއް އޮތުމަކީ ވެދާނެކަމެއްކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފަ އެވެ.
އެހެންނަމަވެސް އެއީ އާންމު މާނައިގައި އޮންނަ "ރޭޕް" ގެ މާނައިގެ ތެރެއަށް ފެތޭގޮތަށް މާނަކުރަންޖެހޭ ގޮތަށް އޮތް ކުށެއް ނޫންކަން ގާނޫނަށް ބެލުމުން އެނގޭ ކަމަށާއި މިއީ އާންމު މާނައިގައި އޮންނަ ރޭޕްކުރުމުގެ ކުށުގެ މާނައިން ބޭރުވެ، ވަކި ހާއްސަގޮތަކަށް ކަންވެގެން ދިއުމުން އެފަދަ ކުށަކަށް ކިޔޭ ހާއްސަ ނަމެއްކަން ފަނޑިޔާރުން ފާހަގަކުރެއްވި އެވެ.
ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް ކަމުގައި ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ވަކި އިސްތިސްނާ ހާލަތު ތަކެއް އޮއްވާ، އަނބިމީހާގެ ރުހުމާ ނުލައި، އޭނާގެ ފިރިމީހާ އޭނާއާ ޖިމާއުވުން ކަމަށެވެ.
"މިތަނުގައި ބަލަންވީ ކުށަށް ކިޔާ ނަމަކަށް ނޫނެވެ. ކުރެވޭ އަމަލަށެވެ. ގަދަކަމުން އެއްވެސް މީހަކާމެދު ޖިމާއުވުން އެއީ އެކަން ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭ އަނިޔާއެކެވެ. އެއީ ތިމާގެ އަނބިމީހާ ކަމުގައި ވީނަމަވެސް އެވެ." ހައިކޯޓުގެ ހުކުމްގައިވެ އެވެ.
ކައިވެނީގެ ގޮށުން ދެމަފިރިއަކު ގުޅާލުމަށްފަހު އެ ދެމަފިރިން ހަލާލު ގޮތުގައި ޖިންސީ ގުޅުން ހިންގުމަށް ލިބި އޮންނަ ހައްގަކީ އެކައިވެނީގެ ގުޅުމުގައި ހިމެނޭ ދެމަފިރިންނަށްވެސް ހަމަހަމަ ގޮތެއްގައި ލިބިދީފައިވާ ހައްގެއް ކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.