ގުޅިފަޅު ބްރިޖްގެ ލޭންޑިން ޕޮއިންޓްގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން 80،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެ ކަމަށެވެ. އަދި 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 8.94 މިލިއަން ރުފިޔާ އަށް 55 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ ގުޅިފަޅު ޕްރޮޖެކްޓަކީ ބްރިޖްގެ ލޭންޑިން ޕޮއިންޓްގެ ޝޯ ޕްރޮޓެކްޝަނާ ގުޅުން ހުރި މަސައްކަތެއް ކަމަށެވެ. މާލެއާއި ތިލަފުއްޓާ ދެމެދު އަޅާ ބްރިޖާއި ގުޅިފަޅުގައި ބަނދަރާއި މީހުން ދިރިއުޅޭ ސަރަހައްދު ހިއްކަނީ ބޭރުގެ ކުންފުންޏަކުންނެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު ގުޅިފަޅުން 1،200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މާލެ ކައިރީގައި އޮންނަ ގުޅިފަޅު ހިއްކައި ގޯތި ދޭން، ކުރީ ސަރުކާރުން ނިންމި ނިމުން ބާތިލުކޮށް މިސަރުކާރުން ކުރިން ނިންމާފައި އޮތީ ގުޅީފަޅުގައި ޕޯޓެއް ތަރައްގީ ކުރުމަށެވެ.
ނަމަވެސް ގުޅިފަޅު ބޯހިޔާވެހި ކަމަށް ބޭނުން ކުރުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. މޭޔަރު މުއިއްޒުއާއެކު ބޭއްވި ބައްދަލުވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގުޅިފަޅުގައި ޕޯޓް އެޅުމަށް މިސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅު ތަރައްގީކުރުމުގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމަވައިފަ އެވެ.
އަބަދުވެސް ތައްޔާރު ވަނީ. ތި ބްރިޖެއްނޭޅޭނެ. އިންޑިޔާ މީހުނެއް ނުކުރާނެ.