ނިއު ދިއްލީ (04 ޖޫން) - އިންޑިއާގެ މައިނޯރިޓީ ދީނެއް ކަމަށްވާ ޒޮރޮއެސްޓްރިއަނިޒަމްއަށް ތަބާވާ ޕާސީންނަކީ މައްޔިތުންގެ ކަށުކަމާކެމީގެ ކަންތައްތަކާއި ޖަނާޒާތައް ކުރިއަށް ގެންދިއުމުގައި ތަފާތު ގޮތްތަކެއް ގެންގުޅޭ ބައެކެވެ.
އެގޮތުން އެ ދީނުގައި ވަޅުލުން ނުވަތަ އެންދުމުގެ ބަދަލުގައި މަރުވެފައިވާ މައްޔިތުން ބާއްވަނީ އުސްކޮށް ހަދާފައި ހުންނަ ޓަވަރެއްގެ މަތީގަ އެވެ. ދެން އިރުގެ ހޫނަށް ހާމަވެ އަދި ދޫނި ސޫފާސޫފީގެ ކާނާއަށްވެ އެ ހަށިތައް ނެތި ފަނާވެދެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މި ޓަވަރަކީ ދުނިޔޭގެ ހަޔާތާއި އާޚިރަތުގެ ހަޔާތާ ދެމެދު ވާ ފާލަމެކެވެ.
ނަމަވެސް އިންޑިއާގައި ކޮވިޑް ބަލީގައި މަރުވާ ޕާސިންގެ ޖަނާޒާ މިގޮތަށް ބޭއްވުން އެ ގައުމުގެ އިދާރާތަކުން ވަނީ މަނާކޮށްފަ އެވެ. ސަބަބަކީ ހަށިތައް ހާމައަށް ބާއްވަން ޖެހުމާއެކު ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތުމެވެ.
މިއާއެކު އެ މުޖުތަމައުގެ ގިނަ ބަޔަކު ވަނީ އެ މީހުންގެ ދީނުގެ ކަށުކަމާކެމީގެ ކަންކަމަށް ސަރުކާރުން ހުރަސް އަޅަނީ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. އިންސާނަކު މަރުވުމަށްފަހު އެ މީހެއްގެ ފުރާނަ ރައްކާތެރިކަމާއެކު އާޚިރަތަށް ދެވެން އޮންނަ މަގު ސަރުކާރުން ބަންދު ކުރީ ކަމުގައި އެމީހުން ދެކެ އެވެ.
"މުސްލިމުންނަށާއި ނަސާރާއިންނަށް މައްޔިތުން ވަޅުލުމުގެ ހުއްދަ އޮތްއިރު ޕާސީންނަށްވެސް އެމީހުންގެ ޖަނާޒާ ބޭއްވުމުގެ ހުއްދަ ލިބެންވާނެ،" ޕާސީ މުޖުތަމައުގެ ކަންތައްތައު ބަލަހައްޓާ އިދާރާގެ އިސްވެރިއަކު ބުންޏެވެ.
އޭނާ އިތުރަށް ބުނީ ޕާސީންނަށް އެ މީހުންގެ އާދަކާދައިގެ މަތިން ޖަނާޒާތައް ބޭއްވުން މަނާކުރެވިފައި އޮތުމަކީ ގިނަ ބަޔަކަށް ނަފްސާނީ އަދި ރޫހާނީ ގެއްލުންތައް ލިބެމުންދާ ކަމެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުގެ ބަހެއް ލިބިފައި ނުވާއިރު އަދިވެސް ކޮވިޑް ބަލީގައި މަރުވާ ޕާސީންގެ ޖަނާޒާ އޮންނަނީ ހަށިގަނޑު އަންދައިގަންނެވެ.
ކޮވިޑް ބަލީގައި މިހާތަނަށް 180 ޕާސީން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. –- ދަ ސްޓްރެއިޓް ޓައިމްސް