ނިއު ދިއްލީ (04 ޖޫން) - ފާއިތުވި ތިންމަސް ދުވަހު އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ބޮއްސުން ލާފައި އޮތުމަށްފަހު، މަޑުމަޑުން ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފާއިތުވި މެއި މަހުގެ ކުރީކޮޅު އިންޑިއާއިން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު އުޅުނީ ހަތަރު ލައްކަ އަށްވުރެ މަތީގަ އެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދު 4،000 އިން މައްޗަށް ގޮސްފައިވާއިރު، މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ދުވާލެއްގެ މައްޗަށް މިއަދަދުތައް އެންމެ ގިނައިން ފެނުނު ގައުމެވެ.
ކޮވިޑްގެ ހާލަތު ބޮއްސުންލައި، ސިއްހީ ދާއިރާއަށް ނުކަތާވަރުވުމުން ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު މިއަދު އެ ގައުމުން ފެންނަނީ ހާލަތު ބަދަލުވަމުން އަންނަ ތަނެވެ. ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު މަދުވެ، ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ.
އެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުން ފެނިފައި ވަނީ 131،371 ކޮވިޑް ކޭސް އެވެ. އަދި އެ ދުވަހު އެ ބަލީގައި އެ ގައުމުން މަރުވެފައިވަނީ 2،899 މީހުންނެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވަނީ 68 ޕަސެންޓް ދަށްވެފަ އެވެ. އަދި ޑެއިލީ ޕޮޑިޓިވިޓީ ރޭޓް 0.61 ޕަސެންޓަށް ވެއްޓިފައިވާއިރު، ބަލީގައި ހާލު ދެރަވާ މީހުންގެ ނިސްބަތް ވެސް ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އިންޑިއާއިން އެޅިފައިވާ ފިޔަވަޅުތަކާއެކު އެ ގައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑް ކޭސް ފެންނަ އަދަދަށް ވުރެ، ބަލިން ރަނގަޅުވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
އިންޑިއާގައި މިހާތަނަށް 22.37 މިލިއަން ޑޯޒްގެ ވެކްސިން ދެވިފައިވާ އިރު އޭގެ ތެރޭގައި ގިނައީ ސިއްހީ ދާއިރާ އަދި ފްރަންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް އިދާރާތަކުން ބުނެ އެވެ. -- ފައިނޭންޝަލް އެކްސްޕްރެސް