ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ކެނެޑާ ސަރުކާރުން ނިންމައިފި އެވެ.
ކެނެޑާއިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރު ޑޭވިޑް މެކިނޮން ވިދާޅުވީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެ ގައުމުން ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ހަދިޔާ ކުރުމަށް 220 މިލިއަން ކެނޭޑިއަން ޑޮލަރު ވަނީ ހަދިޔާ ކޮށްފަ އެވެ.
ކެނެޑާ އިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާއިރު، ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާކަމަށް އެމެރިކާ ސަރުކާރުން ވެސް އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
އެ ދެ ގައުމުން ރާއްޖެއަށް ހަދިޔާ ކުރަނީ ކިތައް ޑޯޒްގެ ވެކްސިން ކަމެއް އަދި ކޮން ބްރޭންޑެއްގެ ވެކްސިން ކަމެއް ނޭނގެ އެވެ.
މިހާތަނަށް ރާއްޖެއަށް ވެކްސިން ހަދިޔާކޮށްފައި ވަނީ އަވަށްޓެރި އިންޑިއާ އާއި ޗައިނާ އިންނެވެ. އިންޑިއާ އިން ވަނީ އެ ގައުމުން އުފެއްދި ކޮވިޝީލްޑް ވެކްސިންގެ ދެ ލައްކަ ޑޯޒެވެ. އަދި ޗައިނާ އިން ހަދިޔާ ކުރީ އެ ގައުމުން އުފެއްދި ސިނޮފާމް ވެކްސިންގެ ދެ ލައްކަ ޑޯޒެވެ.
މީގެއިތުރުން ފައިޒާ ވެކްސިންގެ 5000 ޑޯޒް ވެސް ރާއްޖެއަށް އެހީގެ ގޮތުގައި ލިބިފައިވެ އެވެ.
ރަޝިޔާ އިން އުފައްދާފައިވާ ސްޕޮޓްނިކް ވެކްސިން ގަތުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ވަރަށް އަވަހަށް އެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ރާއްޖެއިން ގަންނަން އޯޑަރުކޮށްފައިވާ އެސްޓްރާޒެކެނާ ވެކްސިން ވެސް މި މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް މިނިސްޓަރު ނަސީމް ވަނީ ވިދާޅުވެފަ އެވެ.