ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގަމުން އަންނަ އިންކުއަރީއަށް 40 ވަރަކަށް ސިފައިން ހާޒިރުކުރަން ބޭނުންވާކަން އެނގިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "ހުރިހާ" އަށް އެނގިފައިވާ ގޮތުގައި 40 ވަރަކަށް ސިފައިން ހާޒިރުކޮށް އެކި އެކި ސުވާލު އެމީހުންނާ ކުރަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމްއެންޑީއެފް އިން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ވަނީ ވަކި ވަކި ސިފައިންގެ ބަދަލުގައި މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީ ވާނީ މުއައްސަސާ އިން ކަމަށެވެ.

އެމްއެންޑީއެފް އިން ބުނަނީ ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަކީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުތައް އެ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް ނޫނީ ހާމަކޮށްގެން ނުވާނެ ކަމަށެވެ. އެ މާއްދާގައި ބުނެފައިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީސް ނުހިމެނެ އެވެ.

ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރުކުރަން އެމްއެންޑީއެފް އިން ދެކޮޅު ހެދުމުން ރައީސް ނަޝީދު ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވާފަ އެވެ.