މިހާރު ދުނިޔޭގެ ހަގީގަތަކީ ކޮވިޑް-19ގެ ބަލިމަޑުކަމަކީ އަހަރުމެންގެ ދިރިއުޅުމުގައި އޮތް ނުރައްކަލެއް ކަމެވެ. ވައިރަސް މިއުޓޭޓްވަމުން އާ ވޭރިއަންޓްތައް ފެންނަމުންދާއިރު، ވަކި ހިސާބަކުން މިއީ އާދައިގެ ވައިރަލް ރޯގާއަކަށް ވެދާނެކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

ސުވާލަކީ ހަލުވި ކަމާއެކު ގައިން ގަޔަށް އަރާ މި ބަލިމަޑުކަމާއެކު އަހަރުމެންގެ މުސްތަގްބަލު އޮތީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ. އާމްދަނީ ހޯދުމަށްކުރާ މަސައްކަތުން ފެށިގެން އިޖުތިމާއީ ގުޅުންތަކަށް އަންނާނީ ކޮން ބަދަލުތަކެއްތޯ ކުރެވޭ ސުވާލެވެ. ކޮވިޑް-19 އާއްމު ރޯގާއަކަށްވާ ހިސާބުން ދެން އަހަރުމެންގެ އަމަލުތައް ބަހައްޓަން ޖެހޭނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ.

މިހާ ހިސާބަށް އައި އިރުވެސް އަހަރެމެންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އާމްދަނީ ހޯދުމާއި ތައުލީމު ލިބިގަތުމުން ފެށިގެން ތިބާގެ ގައިގައި އަށަގަނެފައި ހުރި އާދަތަކަށް ވެސް މިވަނީ ބަދަލު ގެންނަން ޖެހިފަ އެވެ. މި ބަދަލުތަކަށް އަހަރުމެން މި ކިޔާއުޅެނީ "ނިއު ނޯމަލް" ނުވަތަ އާ އާއްމު ހާލަތެވެ. އާ އާއްމު ހާލަތެއްގައި އަހަރުމެން ދިރިއުޅޭއިރު ކުރިއަށް އޮތް ތަނުގައި މި އާއްމު ހާލަތަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމީ ގަބޫލު ކުރަން ޖެހޭ ކަމެކެވެ.

މީގެ ދެތިން އަހަރު ކުރިއަށް ވިސްނާލަމާތޯ އެވެ. ވަޒީފާގެ މާހައުލު ބަދަލުވެއްޖެ އެވެ. ގިނަ މުވައްޒަފުންތަކެއް ގެންގުޅުމުގެ ބަދަލުގައި މަދު މުވައްޒަފުންތަކަކާއެކު އޮފީސް ހިންގުމަކީ އާ އާއްމު ހާލަތެވެ. ދަރިންގެ ސްކޫލްގައި ކުރިން ތިރީހަކަށް ކުދިން އެއްފަހަރާ ހަތަރު ފާރުން އެތެރޭގައި ކިޔެވި ނަމަވެސް މިއަދު އެ އަދަދު ވަނީ ބޮޑު ތަނުން ދަށަށް ގޮސްފަ އެވެ.

އިޖުތިމާއީ އަދި އާއިލީ ގުޅުންތަކަކީ ކޮބައިތޯ އެވެ. އެއް ގޭބިސީއެއްގައި ނޫޅޭ ނަމަ އެއްބަނޑު އެއްބަފާ މީހާގެ ވެސް މޫނު ނުފެންނަތާ ވީ ދުވަހެއް ނޭނގެ އެވެ. މާސްކު އެޅުން އާއްމު ކަމަކަށް ވެއްޖެ އެވެ. ހަތަރު ކަޅި ހަމަކޮށް ބައްދަލުވި ނަމަވެސް އާއިލީ ގުޅުންތަކަށް ހުރަސް އަޅަނީ ތިންފޫޓުގެ ދުރުމިނެވެ. އެ ދުރުމިނުގައި ކިތަންމެ ބަޔަކު ދުރު، ހިލޭ ބީރައްޓެހިންނަށްވެ ހިނގައްޖެ އެވެ.

ޓެކްނޮލޮޖީ އާއްމު ދިރިއުޅުމުގެ މައްޗަށް އަތްގަދަ ކޮށްފި އެވެ. ދަރިފުޅުގެ ތައުލީމުގެ ބޮޑު ބަޔަކަށް ވެފައިވަނީ އޮންލައިން ކުލާސްތަކެވެ. ވަޒީފާގެ އެންމެ މުހިއްމު ނިންމުންތައް ވެސް ގިނަ ފަހަރަށް ނިންމަނީ އޯޑިއޯ ވިޝުއަލް ބައްދަލުވުމަކުންނެވެ. އާއިލާގެ މީހުންނާ ވާހަކަ ދައްކަން ބޭނުންނަމަ ޖެހެނީ ވީޑިއޯ ކޯލެއްގެ ސަހާރާ ހޯދާށެވެ.

މިނިވަން ކަމާއެކު ޗުއްޓީއެއް ހޭދަކުރެވުނު ދުވަހެއް ހަނދާނެއް ނެތެވެ. ހިތުގައި އޮންނަނީ ކޮވިޑްގެ ބިރެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ވެސް ދަތުރުފަތުރުކުރުމުގެ ނިޒާމު އަދިވެސް އޮތީ އަޑިގުޑަން ގަނޑެއްގަ އެވެ. ހޮޓާތަކާއި ގެސްޓް ހައުސްތަކުން ކުރެވެނީ އެހެން ތަޖުރިބާ އެކެވެ. އިންސާނީ އެހީގެ ބަދަލުގައި އެތަންތަނުން މަރުހަބާ ކިޔަނީ ޓެކްނޮލޮޖީގެ ގެޖެޓްތަކެވެ.

މިއީ މި ހާލަތު މިގޮތުގައި ދެމި އޮވެއްޖެނަމަ މީގެ ދެތިން އަހަރު ފަހުގެ ތަސައްވަރެކެވެ. އިންސާނީ ގުޅުންތައް ނެތި ޓެކްނޮލޮޖީގެ ބާރު ގަދަވާނެ އެވެ. މާސްކު އެޅުމާއި އިޖްތުމާއީ ގައިދުރު ކަމަކީ ދިރިއުޅުމުގެ ހިއްސާއަކަށްވެ ލާމެހޭނެ އެވެ. އެއީ ދާއިމަށް އޮތް އާ އާއްމު ހާލަތުކަމުގައި ވެދާނެ އެވެ.

ޝައްކެއްވެސް ނެތެވެ. މުސްތަގްބަލުގައި ވާނެ ގޮތެއް ހަމަ އެކަކަށްވެސް ނޭނގޭނެ އެވެ. އެކަން ދެނެވޮޑިގެންވަނީ މާތް ރަސްކަލާނގެ އެވެ. ނަމަވެސް ތަސައްވަރު ކުރުމަކީ އިންސާނީ ބުއްދިއަށް އޮތް ކަމެކެވެ. އެ ތަސައްވުރަށް އަހުލުވެރިވުމަށްޓަކަ އެވެ. ލަފާ ކުރެވޭ ހާލަތަށް ތައްޔާރުވެ ތިބުމަށްޓަކަ އެވެ.

ކޮންމެއަކަސް ކޮވިޑް-19 އަކީ މިއަދުގެ ހަގީގަތެވެ. އަންނަން އޮތް މުސްތަގުބަލުގެ ތަސައްވުރުގެ ހިއްސާ އެކެވެ. އަހަރުމެންނަށް އޮތީ މި ބަލިމަޑު ކަމާއެކީ ދިރިއުޅެން ދަސްކުރުމެވެ. އެއާ އެކީ ދިރިއުޅުމަށް އަންނަ ބަދަލުތަކަށް ހޭނުމެވެ.