ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލައާ ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ދެއްވި ޕްރެސްގައި ބުނީ މިހާތަނަށް 150 އަށް ގިނަ ފަރާތުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް 200 އަށް ވުރެ ގިނަ ވީޑިއޯ އެނަލައިޒްކޮށް އަދި އެ މައްސަލަ ގުޅުންހުރި މުހިންމު މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި 14 މީހަކަކީ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ އިތުރުން ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކުރެވޭ ދިހަ މީހެއް ކަމަށެވެ.
މި ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ.
"މި ތަހުގީގު ކުރިޔަށް ގެންދަނީ ވަރަށް ފުޅާ ވިސްނުމެއްގެ ތެރެއިން. އިތުރު މީހުން ހައްޔަރުކުރަން ޖެހިއްޖެ ނަމަ ހައްޔަރުކުރެވޭނެ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ހަމަލާއަށް ފަންޑުކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދުމުގައި ކުރިއެރުން ލިބޭތޯ ނޫސްވެރިން ސުވާލުކުރުމުން ފުލުހުން ބުނީ އެފަދަ ކަމެއް ހިނގާފައިވާ ނަމަ، ތަހުގީގަށް މިހާރު ލަފާދޭ ތަޖުރިބާކާރުންގެ އެހީއާ އެކު އެކަން ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އާ ގުޅޭ ތަފުސީލްތައް ރައީސް ނަޝީދަށާއި ކަމާ ގުޅުންހުރި މުއައްސަސާތަކާ ހިއްސާކުރަމުން ގެންދާ ކަމަށެވެ. އަދި މަޖިލީހަށް ވެސް ދުވަހުން ދުވަހަށް މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހަމަލާއަށް ބަޔަކު ފައިސާ ހަރަދުކުރި ކަމެއް އަދި އެ މައްސަލައާ ގުޅޭ އެއްވެސް މީހެއްގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މުޅި ނޫސް ކޮންފަރެންސްގައި ނޫސްވެރިން ކުރި ގިނަ ސުވާލުތަކުގެ ޖަވާބުގައި ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެތީ ޖަވާބުދެވެން ނެތް ކަމަށެވެ. އަދި އެ ނޫސް ކޮންފަރެންސްގައި ފުލުހުން ޖަވާބުދިނީ ވަރަށް އާއްމު އާއްމު މައުލޫމާތުތަކެކެވެ.