ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު އެމަނިކުފާނާ ހިއްސާކުރަމުންދާ ކަމަށް ފުލުހުންގެ ބުނެފި އެވެ.
ހަމަލާގެ މައުލޫމާތު ފުލުހުން ނަޝީދަށް ފޯރުކޮށް ނުދޭތީ އެކަމުގެ ކަންބޮނޑުވުން އެމަނިކުފާނުގެ އާއިލާއިންނާއި އަރިސް ބޭފުޅުން ދަނީ ފާޅުކުރަމުންނެވެ. އެގޮތުން ހަމަލާގެ މައުލޫމާތު ރައިސް އޮފީހުން ހޯދަން ޖެހުމަކީ ކަންބޮނޑުވާކަމެއްގެ ގޮތުގައި ނަޝީދުގެ ވަރަށް އަރިސް ބޭފުޅަކު ވަނީ ސޯޝަލް މީޑިއާގައި ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ރައީސް އޮފީހުން މައުލޫމާތު ހޯދަން ޖެހޭތީ ނަޝީދު ކޮންބޮނޑުވެވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަމަލާގެ މައުލޫމާތު ނަޝީދާއި ކަމާ ގުޅޭ އިދާރާތަކާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ ހިއްސާކުރަމުންދާ ކަމަށެވެ.
"މިމައްސަލައިގެ ވިކްޓިމެއްގެ ގޮތުގައި ރައީސް ނަޝީދަށް މައްސަލައާއި ގުޅޭ އަޕްޑޭޓްސްތައް އަޅުގަނޑުމެން ހިއްސާކުރަމުން މިގެންދަނީ. އޭގެއިތުރަށްވެސް އަޅުގަނޑުމެން މިމައްސަލާގައި މިކަމާ ގުޅޭ މުއައްސަސާތަކަށްވެސް ދުވަހުން ދުވަހަށް އެވަގުތަކަށް ހިއްސާކުރުން މުހިއްމު މައުލޫމާތު ހިއްސާކުރަމުން ގެންދަނީ،" ބަޝީރު ވިދާޅުވި އެވެ.
ބަޝީރު ވިދާޅުވީ، ހަމަލާއާ ގުޅިގެން މައުލޫމާތު ނުލިބުމުގެ ޝަކުވާތަކެއް ފުލުހުންނަށް ލިބިފައި ވެސް ނުވާ ކަމަށެވެ. މައްސަލައާއި ގުޅޭ މައުލޫމާތު ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ހިއްސާކުރަމުންދާ ކަމަށެވެ.
ނަޝީދު ނިސްބަތްވާ އެމްޑީޕީއިން ވަނީ ހަމަލާގެ ތަހުގީގާ ގުޅޭ މައުލޫމާތު ސީދާ ނަޝީދަށް ހިއްސާކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވައިފަ އެވެ.
އެ ސިޓީގައި އެ ޕާޓީގެ އެމްޑީޕީން ފޮނުވި ސިޓީގެ މައުލޫމާތު ހިއްސާކުރައްވަމުން އެޕާޓީގެ ޗެއާޕާސަން ހަަސަން ލަތީފް ވިދާޅުވެފައިވަނީ ފުލުހުން ހިންގާ ތަހުގީގުގެ މައުލޫމާތު ނަޝީދަށް ލިބުމަކީ ވަަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެން ކަމުން ސިޓީއަކުން ރަސްމީކޮށް ސީޕީ ހަމީދުގެ އަރިހު އެކަމަށް އެދުމުން އެ މައުލޫމާތު ފޯރުކޮށްދެއްވަން ޖެހިވަޑައިގަންނަވާކަން ސީޕީ ގަބޫލުކުރެއްވި ކަމަށްވެސް ހަސަން ލަތީފ ވަނީ ވިދާޅުވެފަ އެވެ.