މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުށި ހަމަަޖެއްސުމަށް މާލެ ސިޓީ ކަައުންސިލުން ނިންމައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކިއިރު، ފަރުކޮޅުފުށި ވަނީ ދެވަނަ ފިޔަވައްސާ ގުޅުވާލައިފަ އެވެ. ކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުންކުރި ރަށަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ އެކި އެކި ހަފުލާތައް ބޭއްވުމަށާއި ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައިފަ އެވެ.
މާލޭ ސިޓީ ކަައުންސިލުން މިހާތަނަށް ނިންމާފައިވާ ކަންކަމާއި ކުރިއަށް ކުރުމަށް ރާއްވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފަރުކޮޅުފުއްޓަކީ ސިޓީ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށެއް ކަމަށާއި ނަމަވެސް އެ ރަށް އަދިވެސް އޮތީ ފަޅު ރަށެއްގެ ގޮތުގައި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ތަންނެއްގައި ކޮންމެ ކަމެއް ކުރިއަސް ސިޓީ ކަައުންސިލާ މަޝްވަރާ ކުރަންޖެހޭ ކަމަށާއި އެކަމެއްގައި ސިޓީ ކައުންސިލުގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށެވެ. އެގޮތުން ފަރުކޮޅުފުށީގައި އެއްވެސް ކަމެއް ކުރާ ނަމަ އެކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށް ވެސް މޭޔަރު މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލުގެ ނިންމުމަކީ ފަރުކޮޅުފުއްޓަކީ މާލޭގައި ދިރިއުޅޭ ރަށްޔިތުންނަށް ދަތުރު ދެވޭނެ ރަށަކަށް ހެދުމަށް ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި މިވަނީ ފަރުކޮޅުފުއްޓަކީ ޕިކްނިކް ދެވޭނެ ރަށަކަށް ހެދުމަށް،" މޭޔަރު ވިދާޅުވި އެވެ.
މާލޭގައި ދިރުއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ރައްޔިތުންނާ ގުޅުން ހުރި ކޮންމެ ކަމެއް ކުރުމުގެ ކުރިން ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށް ކަމާބެހޭ އިދާރާތަކަށް މޭޔަރު ޑރ. މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.
މިސަރުކާރު ވެރިކަމަށް ވަޑައިގަންނަވާފައި ހެއްދެވިތަން ކުޑަވީތޯ