އޮފީސް މާހައުލުން ދިމާވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު "ރައިޒް އަޕް އެމްވީ" މޫވްމަންޓުން މާލޭގައި ކުރި އިހުތިޖާޖު ރޫޅާލުމުގައި ބާރުގެ ބޭނުންކުރި ފުލުހުންނަށް އަދި ފިޔަވަޅު އަޅާފައި ނުވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވަނީ މުޒާހަރާތައް ކޮންޓްރޯލްކުރަން ދާ ފުލުހުން ބޮޑީ ކެމެރާ ބޭނުން ނުކުރާ ސަބަބާއި، އަދި މެޑޭ މުޒާހަރާ ގުޅިގެން އިމްރާނާ ސުވާލުކޮށްފަ އެވެ. މީކާއިލް އެދިފައި ވަނީ އޭނާ ކުރި ސުވާލުތަކަށް މިނިސްޓަރު ލިޔުމުން ޖަވާބު ދިނުމަށެވެ.
އެ ސުވާލުތަކަށް ޖަވާބު ދެމުން އިމްރާން ވިދާޅުވީ، ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމަށެވެ. އަދި އެއްވުން ރޫޅާލި ފުލުހުން ތިބީ ގާނޫނުގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ސާވިސް ނަންބަރު ފެންނަ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން މީކާއިލް ކުރި ސުވާލުތަކަކީ އެ މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބޭނުންކުރި މައްސަލާގައި ފުލުހުންނަށް ފިޔަވަޅު އެޅިތޯ އާއި މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވީ އެކަމާ ގުޅޭ އެކަށީގެންވާ ޓްރެއިނިން ލިބިފައިވާ ފުލުހުންތޯ އެވެ.
އެއަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، މޭޑޭ މުޒާހަރާގެ ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާކުރި ގޮތުގެ މައްސަލައާ ގުޅޭ ތަހުގީގު ނިންމައިފައިވާ ކަމަށެވެ. އަދި މިހާރު އޮތީ ޑިސިޕްލަނަރީ ބޯޑުން އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމްގަައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން އަށް ފުލުހުންނަކީ ޕަބްލިކް އޯޑާ ޓްރެއިނިން ފުރިހަމަ ކޮށްފައިވާ ފުލުހުން ކަމަށެވެ. އަދި ބާކީ ދެ ފުލުހުންގެ ތެރެއިން އެއް ފުލުހުންނަކީ ޕަބްލިކްއޯޑާ ޓްރެއިނިން ހަދާފައި ނުވި ނަމަވެސް ޓީމް ލީޑް ކުރުމުގައި އަހަރެއްހާ ދުވަހުގެ ތަޖުރިބާ ހުރި ފުލުހެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.