ވަޒީރުން ޢައްޔަން ކުރުމާއި ވަކިކުރުމަކީ ރައީސަށް ލިބިގެންވާ ބާރަކަށްވާއިރު މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެންދާއިރު ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މަގާމުން ވަކި ނުކުރާތީ ރައީސް ސޯލިހާއި މަޖިލީހުގެ އެއްވެސް ހަމައެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބް ރައީސް ޑރ. ޖަމީލު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ފޮނުވުމުން އޭނާ މަގާމުން ރައީސް އެކަހެރި ކުރައްވާފައިވަނިކޮށެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ވަޒީރެއްގެ މައްޗަށް މިވަރުގެ ދައުވާއެއް ކުރެވޭއިރު މަގާމުން ބަހައްޓާތީ ސުވާލުތަކެއް އުފެދޭ ކަމަށެވެ. އަދި މިކަމުގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް އޮތީ ކޮންފަދަ މަޖްބޫރު ކަމެއް ކަމާމެދުގައި ސުވާލު އުފެދޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި މަޖްލީހާއި ރައީސްގެ ވެސް އެއްވެސް ހަމައެއް ލަމައެއް ނެތް ކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިންވެސް ޔޫތު މިނިސްޓަރު މަހްލޫފު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލާގައި އެކަހެރިކޮށްފަ އެވެ. އެފަހަރު އޭސީސީއިން ކުރި ތަހުގީގުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ އަލުން މަސްއޫލިޔަތުތައް ވަނީ އަދާކުރަންވަން ފައްޓަވާފަ އެވެ.

މިއަދު އޭސީސީއިން މަހްލޫފު މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުއްވާފައިވާއިރު އޭސީސީއިން ބުނެފައިވަނީ އެކޮމިޝަނުގެ ތަހުގީގަށް މަހުލޫފު ބަޔާން ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ބުނެ ދޮގު މައުލޫމާތުދީފައިވާ ކަމަށްވެސް އޭސީސީއިން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް މަޖިލީހުން އާންމުކޮށްފައިވާއިރު މިލިސްޓްގައި މިސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭކަން ވަނީ ފާހަގަ ކުރެއްވިފަ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން މަހްލޫފު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އަދިވެސް އިސްތިއުފާ ނުދެއްވާކަން ފާހަގަ ކޮށްލެވެ އެވެ.