ޑެބީ ނީލް ސްޓްރިކްލޭންޑް އޭނާ ބައިވެރިޔާ ޖިމް މާތުއާ ކައިވެނި ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ ޖިމްގެ ކުރީގެ އަންހެނުން ކަމަށްވާ މައިލަން މާތުއަށް އޭނާގެ އެއް ކިޑްނީ ހަދިޔާ ކޮށްފަ އެވެ.

މައިލަންއަކީ ކިޑްނީ ބަލި ހުންނަ މީހަކަށް ވީއިރު، ޑެބީއާއި ޖިމް ކައިވެނި ކުރިއިރު އޭނާގެ ކިޑްނީ ހިނގަމުން ދިޔައީ އެންމެ އަށް ޕަސެންޓްގަ އެވެ.

މައިލަންއާ ޖިމްގެ ކައިވެންޏަށް ދެދަރިން ލިބިފައިވީ އިރު އެ މީހުންގެ ގުޅުން އެހާ ގާތް ނޫން ކަމަށް ބުނެވެ އެވެ.

ޑެބީ ބުނީ މައިލަންގެ މާމަ ދަރިން ދެކެން އޭނާ ދުނިޔޭގައި ބަހައްޓަން ބޭނުންވި ކަމަށާއި ޚުދު ޑެބީގެ ބޭބެއެއް ފުއްޕާމޭ ހަދިޔާކުރާނެ ފަރާތެއް ނުލިބިގެން ދުނިޔެ ދޫކޮށްފައި ވާތީ މައިލަންއަށް ކިޑްނީ ހަދިޔާ ކުރަން ނިންމީ ކަމަށެވެ.

ކިޑްނީ ޓްރާންސްޕްލާޓްއަށް ފަހު މައިލަންގެ ހާލު ރަނގަޅުވިކަން ފާހަގަކުރެވުނު ކަން ފާހަގަ ކުރަމުން ޑެބީ ބުނީ އޭނާ އާއި މައިލަން އާ ދެމެދު މިހާރު އޮންނަނީ ގާތް ގުޅުމެއް ކަމަށެވެ. އެކަކު އެނެކަކަށް ކިޑްނީ ސިސްޓާސްގެ ނަމުން މުޚާތަބް ކުރާއިރު އެ މީހުން ވަނީ ގުޅޭ ޓެޓޫ ވެސް ޖަހާފަ އެވެ.

އިންސާނިއްޔަތަށްޓަކައި މިފަދަ ކަމެއް ކުރުމަކީ މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ހާއްސަކޮށް ފިރިމީހާގެ ކުރީގެ އަނބިމީހާއަށް ހެޔޮކޮށް ހިތުމަކީ މަދު އަންހެނެއްގެ ފަރާތުން ނޫނީ ނުފެންނަ ކަމެކެވެ.