ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން ފާސްކުރި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގެ މައުލޫމާތު ލީކްކޮށްލި މައްސަލަ ބެލުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހަޅުއްވައިފި އެވެ.

ރައީސް ނަޝީދު އެ ކޮމިޓީއަށް ހުށަހެޅުއްވީ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެއީ ވަކި ވަކި ސިފައިން މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށް އޭނާ ސޮއިކޮށްފައިވާ ސިޓީއެއް މަޖިލީހަށް ފޮނުވުމުންނެވެ.

އެކަމާ ގުޅިގެން މި ހަފްތާގައި ބޭއްވި އެ ކޮމިޓީގައި ހިނގި ކަންތައްތަކުގެ މައުލޫމާތު ވަނީ ލީކްވެފަ އެވެ. އެ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ވަނީ ސިއްރުކޮށްގެނެވެ.

އޮންލައިންކޮށް ބޭއްވި އެ ބަދަލުވުމުގެ ޗެޓް ލޮގް ލީކު ކޮށްލުމުގެ ސަބަބުން މައްސަލަ ބޭރުކޮށްލަން ވޯޓު ދިން އެމްޑީޕީގެ މެންބަރުންގެ ނަންތައް ވަނީ ހާމަވެފަ އެވެ.

އެ މެމްބަރުންނަކީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފާއި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނެވެ.

އެ މައްސަލަ ބެލުމަށް ހުށަހަޅުއްވަމުން ސަނީފު ވިދާޅުވީ، އެކަމުގެ ސަބަބުން އެ ބައްދަލުވުމުގައި ވޯޓު ދެއްވި މެންބަރުންނަށް އިންޒާރުތައް ލިބެމުންދާ ކަމަށެވެ. އަދި އޭގެތެރެއިން ބައެއް މެމްބަރުންގެ އާއިލާގެ ބޭފުޅުންނަށް ވެސް ނުރައްކާ ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.