ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަން ޖެހޭ" ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވި މައްސަލާގައި އޭނާ މައާފަށް އެދެން އަންގަން މަޖިލީހުގެ ސުލޫކު ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު މެންދުރުފަހު 14:00 ގައި ބޭއްވި ސުލޫކު ކޮމިޓީން އެގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ސިޔާމް މީގެކުރިން އެކަމަށް އިއުތިރާފުވެފައިވެ ޖަވާބުދީފައި ވަތީ، އިތުރަށް ޖަވާބުދާރީވާން އޭނާއަށް ފުރުސަތު ނުދޭން މިއަދު ނިންމި އެވެ.

މަޖިލީހުގެ އިދާރާ އިން ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ވެސް ހުށަހަޅުއްވާފަ އެވެ.

މިކަމާ ގުޅިގެން ސިޔާމް ވިދާޅުވެފައި ވަނީ "ދަން ޖައްސަން" ޖެހޭ ކަމަށް އޭނާ ވިދާޅުވީ އެ ކަން ކުރުމުގެ މާނައެއްގައި ނޫން ކަމަށާއި އެފަދަ އެއްވެސް ނިޔަތެއްގައި އޭނާ ވިދާޅުވެފައިވާ ވާހަކައެއް ނޫން ކަމަށެވެ.