ކޮވިޑް -19 ކޮންޓްރޯލްކުރަން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، ރޭގަނޑު 10 ޖަހަންދެން ވެހިކަލް ދުއްވޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލުކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ރޭ ދަންވަރު ނެރުއްވި އެންގުމެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާވާނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކަމަށެވެ.

"މަތީގައިވާ ފިޔަވަޅުތައް ތަންފިޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަމެވެ،" އެންގުމުގައި ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރުވާން ފެށުމުން، މީގެ ކުރިން ނިންމާފައި އޮތީ ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލޭގައި އެއްގަމު އުޅަނދުތައް ނުދުއްވޭ ގޮތަށެވެ. އެގޮތުން ނަމަވެސް އެ ބަލި ކޮންޓްރޯލް ކުރުމަށް ޖުލައި 30 އިން ފެށިގެން މާސްކް އެޅުން މަޖްބޫރުކޮށްފައިވެ އެވެ. އަދި އޮގަސްޓް 24 އިން ފެށިގެން ވަނީ ރޭގަނޑު 8:00 ގެ ފަހުން ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ. އޭގެ ކުރިން ރޭގަނޑު 10:00 އާ ހަމައަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދިނެވެ.

އެއްގަމު އުޅަނދު ދުއްވޭ ވަގުތަށް ބަދަލުގެނައި ނަމަވެސް ކާފިއު ވަގުތަށް ބަދަލު

ގެނެސްފައެއް ނުވެ އެވެ. އަދިވެސް ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާވާނެ އެވެ.