ހުޅުމާލޭގައި ފްލެޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތަކެއް ބައެއްގެ އަތުން އޮޅުވާލައިގެން ނެގުމަށްފަހު ފިލައިގެން ސްރީލަންކާގައި އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ)ގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަށް އިންކާރުކޮށް، ހުރިހާ ތުހުމަތެއް ހައުސިން ޑިވެލޮޕްމެޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަމާޒުކޮށްފި އެވެ.

ދައުލަތުން އަންމަޓީއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގައި މިއަދު ކުރިއަށް ގެންދިޔައީ އިބްތިދާއީ އަޑުއެހުމެއްގެ އިތުރުން ބަންދު މުރާޖައާ ކުރުމުގެ އަޑު އެހުމެވެ. އަންމަޓީއަށް ވަކީލަކު އަދި އައްޔަނުވެފައި ނުވާތީ ބަންދު މުރާޖައާކުރުމުގެ ބައި މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ވާހަކަދައްކަން ލިބުނު ފުރުސަތުގައި އަންމަޓީ ވަނީ އެޗްޑީސީއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

އެޗްޑީސީއަށް ތުހުމަތު ކުރައްވަމުން އަންމަޓީ ބުނީ، ދައުލަތުން އޭނާގެ މައްޗަށް ކުރަނީ ދޮގު ދައުވާތަކެއް ކަމަށެވެ. އަދި ސީލައިފް ކުންފުނިން އެއްވެސް މީހަކަށް އޮޅުވާލައި ހިޔާނަތްތެރި ނުވާނެ ކަމަށެވެ.

އޭނާ ބުނީ ސީލައިފް ކުންފުންޏާއި އެޗްޑިސީއާ ދެމެދު ހަދާފައިވާ އެގްރިމެންޓާ ހިލާފުވެފައި ވަނީ އެ ކުންފުނިން ނޫން ކަމަށެވެ. އެގްރިމެންޓާ ހިލާފުވެފައި ވަނީ އެޗްޑީސީން ކަމަށެވެ. އަންމަޓީ ތަކުރާރުކޮށް އެޗްޑީސީއަށް ތުހުމަތުކޮށްފަ އެވެ.

އަންމަޓީ ބުނީ، ސީލައިފް ކުންފުނީގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ނަގާފައިވަނީ އެޗްޑީސީން ކަމަށާއި އެކަން ކޮށްފައިވަނީ އެއްބަސްވުން އުވާވެސް ނުލަނީސް ކަމަށެވެ.

"އެޗްޑީސީން ތަކުރާރުކޮށް އެގްރިމެންޓާ ހިލާފުވެގެން ކޯޓުން ކުރިން ވަނީ ހުކުމް ވެސް ކޮށްފައި. ސީލައިފަކުން އެއްވެސް ފަރާތަކަށް ހިޔާނާތްތެރިވެފައެއް ނުވާނެ. އެ ފައިސާ ނުދެވި ހުރީ އެޗްޑީސީން ހުއްދަ ނުދީގެން،" އަންމަޓީ ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ މާޗު މަހު 13 ވަނަ ދުވަހު އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ވަނީ އަންމަޓީއަށް ތުހުމަތުކުރައްވައިފަ އެވެ.

ދައުވާތަކާ ގުޅިގެން އަންމަޓީ ބުނީ، މިއީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކުރިއަށް ގެންދާ ޝަރީއަތެއް ކަމަށެވެ.

އެއަށްފަހު ކުރިއަށް ގެންދިޔައީ އަންމަޓީ ބަންދުގެ މުއްދަތު އިތުރު ކުރުމުގެބައެވެ. ދައުލަތުން އެދުނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުގައި ބަހައްޓައި ދިނުމަށެވެ. އެގޮތަށް އެދުނީ މާޒީގައި ކަން ހިނގާފައިވާ ގޮތުން އޭނާ ފިލައިގެން ގޮސްފާނެ ކަމަށް ނުވަތަ ދެން ކޯޓަށް ހާޒިރު ނުވެދާނެތީ އެވެ.

ދައުލަތުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި އޭނާގެ މައްޗަށް ތުހުމަތުކުރާ މިންވަރަށް ހެއްކާއި ގަރީނާ އެބަހުއްޓެވެ. މީގެ އިތުރުން އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި ގިނަ ހެކިންނަކީ ސީލައިފްގެ މުވައްޒަފުންނަށް ވާއިރު އަންމަޓީ އާއި އެ މުވައްޒަފުންނާ ގުޅުން އޮންނަ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް ދައުލަތުން ފާހަގަކުރީ އަންމަޓީ ކުށުގެ އަމަލުގައި ބައިވެރިވި ގޮތަށް ބަލާއިރު އޭނާ އެއަމަލު ހިންގާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެގެން ކަމަށާއި އަމަލު ހިންގާފައިވަނީ ކުންފުނީގެ އެތެރޭގައި ކުރަންޖެހޭ ކަންކަން ނުކޮށް ދެން ތިބި ޑިރެކްޓަރުންނާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށެވެ. އެހެންކަމުން އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށެވެ.

ދައުލަތުގެ އެ ވާހަކަތަކަށް ރައްދު ދެމުން އަންމަޓީ ބުނީ، ސީލައިފް ކުންފުނީގައި މިހާރު މުވައްޒަފުން ނެތް ކަމަށާއި މައްސަލަ ދިމާވި ހިސާބުން އެމީހުން އެހެން ތަންތަނަށް ވަޒީފާ ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ބުނީ ތަހުގީގަށް ނުވަތަ ޝަރީއަތަށް ފިލައިފައި ނުވާނެ ކަމަށާއި ލަންކާގައި ދިރިއުޅުނީ އޭނާގެ އަންހެނުންނަކީ ލަންކާ މީހަކަށް ވާތީ ކަމަށެވެ. ލަންކާއަށް ދިޔައީ މައްސަލަ ފެންމަތިވުމުގެ ކުރިން ކަމަށާއި ލަންކާގައި ހުރިއިރު ފުލުހުންނާއި އަދި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި ބަރާބަރަށް މުއާމަލާތް ކުރި ކަމަށް އަންމަޓީ ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނާއަކީ ފިލައިގެން އުޅޭ މީހެކޭ ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

"ރައީސް އޮފީހަށް ކަން ހިނގައިދިޔަ ދުވަހު ސިޓީއެއް ފޮނުވިން. ރައީސް އޮފީހުން އަޅުގަނޑަށް ދިން ޖަވާބުގައި ވެސް ބުނެފައިވަނީ އެޗްޑީސީން އެއްބަސްވުމާ ހިލާފުވި ކަމަށް. އަޅުގަނޑު ދައުލަތަކަށް ނުފިލަން،" އަންމަޓީ ބުންޏެވެ.

އެ ވާހަކަތައް އަންމަޓީ ބުނުމުން މައްސަލަ ބަލާ ގާޒީ ވަނީ ސުވާލު ކޮށްފަ އެވެ. އެގޮތުން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނީ ކީއްވެގެން ކަން އެނގޭތޯ އަންމަޓީއާ ގާޒީ ސުވާލުކުރެއްވި އެވެ. ޖަވާބުގައި އަންމަޓީ ބުނީ ނޯޓިސް ނެރުނީ ފޯޖު ޑޮކިއުމެންޓެއްގެ މައްސަލައިގައި ކަމަށެވެ. އެއީ އިންވެސްޓަރަކު ހެދި ޑޮކިއުމެންޓެއް ކަމަށާއި އެއްބަސްވުމާއެކު އެ ޑޮކިއުމެންޓް ބޭންކަށް ހުށަހެޅީ އެހެންވެ ކަމަށެވެ. އެ ޖަވާބު ގަބޫލު ނުކުރާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

"މި މައްސަލަ ޕޮލިހަށް ހުށަހެޅީ އެކި މީހުންގެ އަތުން ގެދޮރު އަޅައިދޭނެ ކަމަށް ބުނެ ފައިސާ ނަގައިގެން. އެ މައްސަލައިގެ ހޯދުންތައް ހޯދިއިރު ދައުވާކޮށްފައި މިވަނީ ސައްހަ ނޫން ޑޮކިއުމެންޓެއް އޮވެގެންނެއް ނޫން،" ދައުލަތުން ބުންޏެވެ.

އަންމަޓީއަށް އަދި ވަކީލަކު ހަމަޖެހިފައި ނުވާތީ ގާޒީ ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފަ އެވެ. ދެން ބަންދު މުރާޖައާ ކުރުން ކުރިއަށް ގެންދާނީ އަންމަޓީ އެދިފައިވާ ފަދައިން ވަކީލުންނާ އެކުގައި ކަމަށް ގާޒީ ވަނީ ނިންމަވާފަ އެވެ. ވަކީލުން އައްޔަންކުރަން ކޯޓުން އަންމަޓީއަށް ދިނީ ފަސް ދުވަހުގެ މުއްދަތެވެ.

ކޯޓުން އަންމަޓީއަށް ފަސް ދުވަސް ވަކީލަކު އައްޔަން ކުރަން ދިންއިރު އޭނާއާ ދެކޮޅަށް ދައުލަތުން 42 ދައުވާއެއް ކުރެ އެވެ. މިއަދުގެ އަޑުއެހުމަށް ވަކީލުން ހަމަޖެއްސިފައި ނުވަނީ ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެކަން ކުރިން އެނގިފައި ނުވާތީ ކަމަށް އަންމަޓީ ބުންޏެވެ.