ބެންކޮކް (10 ޖޫން) - ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ވީހާވެސް އަވަހަކަށް އެސްޓްރާޒެނެކާ ވެކްސިން ފޮނުވުމަށް ގައުމުތަކުގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެވެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓްރާޒެނެކާއިން މިކަން އިއުލާން ކޮށްފައި ވަނީ ތައިލެންޑްގެ ވެކްސިން އުފައްދާ ޕްލާންޓްއަކަށް ދީފައިވާ އޯޑަރުތައް ފޮނުވުން އެ ގައުމުގެ ރަސްގެފާނުގެ އަމުރާއެކު ލަސްކޮށްފައިވާކަމުގެ ރިޕޯޓުތައް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

ތައިލެންޑްގައި އުފައްދާ އެސްޓްރާޒެނެކާ ވެކްސިން ލިބުން ލަސްވެފައިވާ ކަމަށް އިއުލާންކުރި ގައުމުތަކުގެ ތެރޭގައި ފިލިޕީންސް، މެލޭޝިއާ އަދި ޓައިވާން ފަދަ ގައުމުތައް ހިމެނެ އެވެ.

"މެލޭޝިއާ ހިމަނައިގެން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ވެކްސިން ފޮނުވުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާ ތަކުގެ ތެރޭގައި ފެށޭނެ،" އެސްޓްރާޒެނެކާ އިން ބުނެފައިވެ އެވެ.

މިކަމުގައި އެ ގައުމުތަކުގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރާ ކަމަށް ބުނެފައިވާއިރު ތައިލެންޑްގައި ހުރި ވެކްސިން ޕްލާންޓްގެ އެންމެ ފަހުގެ ހަބަރުތަކާއި ކުރިއަށް އޮތް ތަނުގައި އެ ޕްލާންޓްގެ މަސައްކަތްތައް ރާވައިފައި ވާ ގޮތާ ބެހޭ ގޮތުން އެސްޓްރާޒެނެކާއިން ނެރެފައިވާ އެ ބަޔާނުގައި އެއްވެސް ހަބަރެއް އާއްމު ކޮށްފައެއް ނުވެ އެވެ.

އެސްޓްރާޒެނެކާގެ ވެކްސިންތައް ލިބުން ލަސްވާ ކަމުގެ ރިޕޯޓުތައް ދުނިޔޭގެ އެހެން ހިސާބުތަކުން ވެސް ވަނީ މީގެ ކުރިން ލިބިފަ އެވެ. ރާއްޖެއިން ވެސް ވަނީ އެސްޓްރާޒެނެކާއިން 700،000 ޑޯޒުގެ ވެކްސިން ގަތުމަށް އޯޑަރު ދީފަ އެވެ. ނަމަވެސް މިދިޔަ މަހު ލިބޭނެ ކަމަށް ބުނި އެ ވެކްސިން މިހާރު ލިބޭނެ ކަމަށް ބުނެފައި ވަނީ އަންނަ މަހު އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް