ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ ހީވާގި، ކެރޭ ލީޑަރެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު އޭނާގެ ދިފާއުގައި ތެދުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބިގޭ މިއަދު ދެއްކެވި ވާހަކަތަކަށް ތައުރީފް ކުރައްވައި ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި މެޑަމް ފަޒްނާ ވިދާޅުވީއެ ޕްރޮގްރާމުގައި އޭނާ ވާހަކަ ދެއްކެވީ އަސްލު މައްސަލައަށް ކަމަށެވެ.

ބިގޭ ވާހަކަފުޅު ދެއްކެވީ ވަކި މީހަކު މޮޅުކޮށް ނުވަތަ ދެރަކޮށްފައި ނޫން ކަމަށާއި ނިންމުންތައް ނިންމުމުގައި އިސްކަންދެނީ ވަގުތާއި ހާލަތަށް ބަލައި، އެއިރެއްގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ބިގޭއަކީ ވެސް ބަސްމަދު، އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ، ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެ،" މެޑަމް ވިދާޅުވި އެވެ.

މެޑަމް ފަޒްނާ ބިގޭގެ ދިފާއުގައި ނުކުންނެވިއިރު، ބިގޭއާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ރައީސް ނަޝީދު މިއަދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެން ބޭފުޅުން އެމަނިކުފާނަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ ބިގޭ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިއަދު ބިގޭ ދެއްކެވި ވާހަފުޅަކާ ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި ބިގޭ ވިދާޅުވީ ރައީސް ނަޝީދަށް ގެއްލުން ވާނެފަދަ ކަމެއް މާރިޔާ ނުކުރައްވާނެ ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ފައިދާއަށްޓަކައި ބިގޭ ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް އަމިއްލަފުޅަށް ބިގޭއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.