ލ. ގަން ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެ، މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު ތިނަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ލ. ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 92 އަހަރުގެ ފިރިހެނަކު މިއަދު ހެނދުނު 10:54 ގައި މަރުވެފައިވާ ކަމަށެވެ.

މިއަދު އެންމެ ފުރަތަމަ ކޮވިޑްގައި މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ 84 އަހަރުގެ އަންހެނެކެވެ. އެއަށްފަހު ހަމަ އެތަނުގައި ފަރުވާދެމުންދިޔަ 25 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ވިހެއިތާ އަށް ދުވަސް ފަހުންނެވެ.

މި މަރުތަކާ އެކު ކޮވިޑްގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 195 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. އެގޮތުން މިއަދު މާލެ އިން ޕޮޒިޓިވްވީ 88 މީހުންނެވެ. އަދި ޖުމްލަ ޕޮޒިޓިވްވީ 246 މީހުންނެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދުވެސް ބޮޑުތަނުން ވަނީ ދަށަށް ގޮސްފަ އެވެ. މިހާރު ހޮސްޕިޓަލްތަކުގައި ކޮވިޑަށް ފަރުވާދެމުން ދަނީ 97 މީހަކަށެވެ.