ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިމާތި ދަތިތަކާއެކު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަނީ ގައުމީ މަސްލަހަތު އިސްކުރައްވާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް ވިދާޅުވެ، ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް (ސަމްޕަތު)، ރައީސް ސޯލިހުއަށް ތައުރީފު ކުރައްވައިފި އެވެ.

ކުރިން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް ރައީސް ސޯލިހުއަށް ތައުރީފު ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުވި މައްސަލައެއް ވިސާމުގެ ވޯޓާއެކު ބޭރުކޮށްލުމުން ވަރަށް ބޮޑަށް އޭނާއަށް ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. ވިސާމަށް ފާޑު ވިދާޅުުވި ބައެއް މެމްބަރުންނަކީ ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ މެމްބަރުންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު ދެ ބަޔަކަށް މިހާރު ވަނީ ބެހިފަ އެވެ. އެއީ ރައީސް ސޯލިހުއަށް ތާއީދުކުރައްވާ ފެކްޝަނަކާއި ނަޝީދަށް ތާއިދު ކުރައްވާ ފެކްޝަނެކެވެ. ދެ ފެކްޝަން އޮތްކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ، އެމްޑީޕީ ބައިބައިވީ ސަރުކާރުން ނަޝީދު އެއްފަރާތްކޮށްލައި ކަންކަން ކުރުމުގެ ސަބަބުން ކަމަށެވެ.

ހަސަން ލަތީފު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި ދެ ފެކްޝަނެއް އޮންނަ ކަމަށް ވިދާޅުވިޔަސް ޕާލިމެންޓްރީ ގްރޫޕު ލީޑަރު އަލީ އާޒިމް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި އަބަދު ވެސް ހިޔާލުތަފާތުވާ ކަމަށާއި އޭގެ މާނައަކީ ބައިބައިވުމެއް ނޫން ކަމަށެވެ.

ރައީސް ސޯލިހުއާ މިއަދު ބައްދަލުކުރުމަށްފަހު ވިސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާއެކު ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ ގައުމީ މަސްލަހަތު އިސްކުރައްވާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. މިއަދުގެ ބައްދަލުވުމާއި ގުޅޭގޮތުން ވިސާމް އިތުރަށް ވިދާޅުވީ ގައުމު ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދެވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.