ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާވުވުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،017 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފި އެވެ.

އެ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މާސްކު ނާޅައި އުޅުނު 267 މީހަކާއި، ކާފިއު ވަގުތު ބޭރުގައި އުޅުނު 603 މީހެއްގެ އިތުރުން ގަވާއިދާ ޚިލާފަށް ވެހިކަލް ދުއްވި 147 މީހަކު، ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުން ދިޔުމުން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން ފުލުހުންދޭ ހުއްދައަކާ އެކު ނޫނީ ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.

ކެފޭ ރެސްޓޯރަންޓްތަކުން ހަމައެކަނި ޑެލިވަރީގެ ހިދުމަތް ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ. ފިޔަވަޅުތަކަށް ދެ ހަފްތާވީއިރު، މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަންނަނީ ދަށްވަމުންނެވެ.

އެހެންކަމުން ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭގޮތުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.