މާލޭގެ މިސްކިތްތަކަށް މަސްތުގެ ހާލަތުގައި ވަދެ ތިބި 15 މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، ރޭ ހައްޔަރު ކުރި 15 މީހުންނަކީ މަސްތުވާތެކެތި ބޭނުންކުރުމުގެ ރެކޯޑު އޮންނަ މީހުން ކަމަށާއި އެ މީހުންނަކީ ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށެވެ. އަދި އެމީހުންނާ މެދުގައި ގޮތެއް ނިންމަ މިއަދު ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެގޮތުން ހަތް މީހަކު ރިމާންޑް ސެންޓަރެއްގައި 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ބާކީ އަށް މީހުން ކަސްޓޯޑިއަލް ޖަލެއްގައި ތިން ދުވަހަށް ބަންދުކުރަން ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު ގޯސްވުމާގުޅިގެން މާލެ ސަރަހައްދު "ފުރަބަންދު" ކުރުމާއި ގުޅިގެން މާލެގެ މިސްކިތްތަކަށް ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އެއަމަލު ހިންގަން މިސްކިތަށް އަރާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި ވައްކަމުގެ މައްސަލަތައްވެސް މިދުވަސް ކޮޅު އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެ އެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައިވާ ވަގުތު ސަލާމަތީ ބާރުތަކުން މަގުތައް ބެލެހެއްޓުމުގައި އުޅޭއިރުވެސް މިފަދަ އަމަލުތައް ހިނގާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.