ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 27 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު އިރުއޮއްސި 6:00 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 198 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް 55 އަހަރުގެ އަންހެން މީހަކު މިއަދު މަރުވީ ކޮވިޑް ބަލީގައި ކަމަށް އެޗްޕީއޭ އިން މީގެކުރިން ބުނެފައިވެ އެވެ. ނަމަވެސް މިރޭ އެޗްޕީއޭ އިން ބުނީ ފަހުން ހެދި އެސެސްމަންޓުތަކުން އޭނާ މަރުވީ ކޮވިޑް ބަލީގައި ނޫން ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން އެ ބަލީގައި ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ދަށްވެފަ އެވެ. އެހެންކަމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް މިހާރު މަދެވެ.