އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ވަނީ މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުއްވާފަ އެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ މިނިސްޓަރު މަހްލޫފުގެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށާއި އަދި ދައުވާ ކުރުމާ މެދުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވުމުގެ އެ މައްސަލާގައި ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރު މަޚްލޫފް މަސައްކަތުން އެކަހެރިވުމަށް ރައީސް ވަނީ އަންގަވާފައިވާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ޔޫތު މިނިސްޓްރީ ހިންގުން އަދި އެއްވެސް މިނިސްޓަރަކާ ހަވާލުކުރަން ނިންމާފައި ނުވާ ކަމަށެވެ.

ފެށުނީއްސުރެ އެމްއެމްޕީއާރްސީ މައްސަލައިގައި އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާން ނިންމާފައިވާ ކަންބަޅިއެއްގެ ގޮތުގައި ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިިބެގެން އޭނާ މިނިސްޓަރުގެ މަގާމުން ވަކިކުރުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި އެގޮތަށް އޭނާއާ މެދު އަމަލުކުރައްވާ މީހުންނަށް ނުވިސްނެނީ އޭނާއަކީ މިނިސްޓަރުކަމުގެ މަގާމުގައި ބަގުޑިބައްދައިގެން ހުންނާނެ މީހެއްކަން ނޭގޭތީ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އޭސީސީން މަހްލޫފަށް ތުހުމަތުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ ގޮތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެގި ކަމަށެވެ. މަހްލޫފަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެ ފައިސާއަކީ އެމްއެމްޕީއާރްސީ ފައިސާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.