ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 200 އަރައިފި އެވެ.

ގދ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 79 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވަނީ ނިއާވެފަ އެވެ. މިއީ ކޮވިޑް ބަލީގައި ތިނަދޫން ނިއާވި ދެވަނަ މީހާ އެވެ. އަދި އެއާއެކު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 200 އަރާފަ އެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިއާވެފައި ވަނީ މިދިޔަ މޭ މަހުގަ އެވެ. އެ މަހު އެކަނި ވެސް ވަނީ، 80 އަށްވުރެ ގިނަ މީހުން ނިއާވެފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވުމާއެކު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ފުލުހުންގެ ހުއްދައާއެކު ނޫނީ މާލޭގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. މާލޭގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ދެ ހަފްތާވީއިރު، ކޭސްތައް ވަރަށް ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ.