އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ގަދަކަމުން އަންހެނަކު ގޭބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ ސަމާލުކަމަށް އެކަން އައީ ސޯޝަލް މީޑިއާ އިންނެވެ. ފުލުހުން ބުނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މިޝްފާ ނަމަކަށް ކިޔާ އެ ޒުވާނާ ގޭގައި އެގޮތަށް ގެންގުޅެނީ 2015 ވަނަ އަހަރުން ފެށިގެން ކަމަށް އޭނާ ބުނެ އެވެ. އެކަމުގެ ތަފްސީލު ހިއްސާކުރަމުން ފޭސްބުކުގައި މިޝްފާ ބުނީ އޭނާއަށް ގެއިން ބޭރަށް ދެވެނީވެސް އޭނާގެ މައިންބަފައިންނާއި އެއްކޮށް އެކަނި ކަމަށެވެ.
މިޝްފާ ބުނީ 2016 ވަނަ އަހަރު އޭނާ ފިލައިގެން މާލެއަށް ދިޔައީވެސް އޭނާގެ މައިންބަފައިންނާއި އާއިލާ މީހުން އެގޮތަށް އަމަލު ކުރަމުންދާތީ ކަމަށެވެ. އަދި އޭރު އޭނާ މާލެ ދިޔައީ ސީރިއާއަށް ދާން ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް ވެސް މިޝްފާ ބުންޏެވެ.
މިޝްފާ ބުނާ ގޮތުގައި އޭނާގެ ގެއަކީ އޭނާއަށް ޖަލެކެވެ. އޭނާ ބުނީ މުޅި ގޭތެރޭގައި ސެކިއުރިޓީ ކެމެރާ އާއި އިލެކްޓްރޯނިކް ދޮރެއް ހަރުކޮށް އޭގެ ތަޅުދަނޑިވެސް އޭނާއަށް ނުދޭކަމަށެވެ. ގެއިން ބޭރަށް ދެވޭ މަދު ފަހަރު ތަކުގައި ދެވެނީވެސް މައިންބަފައިންނާ އެކުގައި އެކަނިކަމަށް ބުމިޝްފާ ބުންޏެވެ.