ހުޅުމާލޭގައި ފްލެޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އޮޅުވާލައިގެން ނެގުމަށްފަހު ފިލައިގެން ސްރީލަންކާގައި އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ މާޗު މަހު އަންމަޓީ ލަންކާ އިން ރާއްޖެ ގެނެސް ބަންދުކުރި ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަންމަޓީގެ ބަންދު އިތުރު ކުރީ ހަތް ދުވަހަށެވެ.

އަންމަޓީގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މަޖިލީހުގައި އެކޯޓުން އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. އަންމަޓީ ބަންދު ދޫކޮށްލުމަށް އަމުރުކުރީ ދެ ޝަރުތެއް ކުރުމަށް ފަހު ގައެވެ. އެއީ މާލެއިން ބޭރަށް ނުދިޔުމަށާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތު ކޮށެވެ.

މިއަދު އަންމަޓީގެ ބަންދު މުރާޖަޢާކުރުމަށް ބޭއްވި މަޖިލީހުގައި ދައުލަތުގެ ވަކީލު އެދިވަޑައިގަތީ ޝަރީޢަތުގެ މަރުހަލާ އެކީ ނިމެންދެން އަންމަޓީ ބަންދުގައި ބަހައްޓައިދިނުމަށެވެ. އެއީ އޭނާ ހެއްކަށް ނުފޫޒުފޯރުވާނެ ކަމަށާއި ޝަރީއަތަށް ފިލާފާނެ ކަމުގެ ބިރުވެސް އޮތް ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން އަންމަޓީގެ ވަކީލު މުހުތާޒު މުހުސިން ވިދާޅުވީ އެ މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވާނެ ފުރުސަތު ނެތް ކަމަށެވެ. އަދި ފިލައިފާނެ ކަމަށް ކުރާ ތުހުމަތު ވެސް ގޯސްކަމަށް އަންމަޓީގެ ވަކީލު ވިދާޅުވި އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ މާޗު މަހު 13 ވަނަ ދުވަހު އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ވަނީ އަންމަޓީއަށް ތުހުމަތުކުރައްވައިފަ އެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އިއްވޭނެ އެވެ.