ކްރިމިނަލް ކޯޓުން ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ، މާލެއިން ބޭރަށް ނުދިއުމާއި އަދި ރާއްޖޭއިން ބޭރަށް ފުރައިގެން ނުދިއުމަށް ޝަރުތު ކުރުމަށްފަހު އެވެ. އެ ނިންމުން މުރާޖައާ ކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ވިދާޅުވެފަ އެވެ.

ޕީޖީ އޮފީހުން ބުނީ، އަންމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ މެދު އެ އޮފީހުން ހިތްހަމަނުޖެހޭތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ އައްމަޓީގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުގައި ބެހެއްޓުމަށެވެ. ސަބަބުތަކުގެ ގޮތުގައި ފާހަގަކުރީ މާޒީގައި ވެސް ޝަރީއަތަށް ހާޒިރުވެފައި ނުވާތީ އާއި ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމާއި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމުންނެވެ.

މީގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ދައުލަތުގެ ވަކީލް ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން އައްމަޓީ ބުނީ،އޭނާ ހެއްކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އަދި ޝަރީއަތަށް ނުފިލާނެ ކަމަށެވެ. އޭނާ ލަންކާގައި ހުރިއިރު ވެސް ޝަރީއަތަށް ފިލާފައި ނުވާނެ ކަމަށާއި އޭރުވެސް އައީ ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށެވެ. އަދި އޭނާގެ ބަލި ހާލަތު ހުރި ގޮތުން ބަންދުކުރުމަށް ކޮށްފައިވާ އަމުރަށް ލުޔެއް ދިނުމަށް އެދޭ ކަމަށެވެ

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ހަސަން ސައީދު ނިންމެވީ އަންމަޓީގެ ބަންދަށް ލުއި ދިނުމަށެވެ. މި މައްސަލައަކީ އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.