ތެޔޮ ހިފައިގެން ދަތުރުކުރި އެސްޓީއޯގެ ތެޔޮ ބޯޓެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ 4.5 މިލިއަން ލީޓަރުގެ ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓެއް ދިޔަވާތީ ސިފައިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ދިޔަވަމުން އަންނަނީ އެސްޓީއޯގެ ތެޔޮއުފުލާ ބޯޓެއް ކަމަށްވާ "އެމްވީ އަލިމަސް" ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ މިބޯޓުގައި 17 ފަޅުވެރިން ތިބި ކަމަށާއި އެންމެންނަކީ ދިވެހިން ކަމަށެވެ.

އެ ބޯޓު އޮތީ ގދ. ފަރެސް މާތޮޑާ ކައިރީގަ އެވެ. އެ ބޯޓަށް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ ހަވީރު 5:10 ގަ އެވެ.

ބޯޓަށް ދިޔަވަމުން ދިޔަ ތަން އެމްއެންއެންޑީއެފްގެ ޑައިވަރުންނަށް މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އަދި ބޯޓަށް ދިޔަވުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވަ އެވެ