އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާކުރަން ފޮނުވި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވައިފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ބައެއް ހެކިވެރީންގެ ބަޔާންތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ގާނޫނާ ހިލާފަށް ނަގާފައިވާތީ އާއި ހުށަހަޅާފައިވާ ޗެޓްލޮގްތަކުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށަހަޅާފައި ނެތްކަން ފާހަގަކޮށް، އެ މައްސަލަ ޕީޖީން ވަނީ އަނބުރާ ފޮނުވާލާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ. އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން އޮގަސްޓް 27، 2014 ގައި މަހުލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމާއި، ރައްޔިތުންގެ މަޖިލީހުގައި އޭނާ އެ ބިލަށް ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނައިބު އަހުމަދު އަދީބު އާއި މަހުލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މަހުލޫފްގެ ފަރާތުން ހުށަހަޅާފައި އޮތް ނަމަވެސް، ތަހުގީގުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތް ކަަމަށެވެ. އަދި މިއީ އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި މަހުލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށެވެ.