ހައިކޯޓަށް މިއަދު 40 އަހަރު ފުރުނުއިރު މިދިޔަ އަހަރުގެ ނިޔަލަށް 9،204 މައްސަލަ ހުށަހެޅި 8623 މައްސަލަ ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
އެ ކޯޓުން ބުނީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އެ ކޯޓުގައި ޖުމްލަ 30 ފަނޑިޔާރުން ޚިދުމަތްކުރައްވާފައިވާ ކަމަށެވެ. ހައިކޯޓުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ދިނުމުގެ އާ ހަރުފަތަކަށް އެރީ 2005 ވަނަ އަހަރު ޝަރުއީ ވަފުދަކުން ސ. ހިތަދޫއަށް ގޮސް މައްލަސަލައެއް ހިންގި ހިސާބުން ކަމަށް ހައިކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި އެވެ.
"ދިވެހިރާއްޖޭގެ ހައިކޯޓުގެ އެންމެ މުހިއްމު އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ފަސޭހައިން ވާސިލްވެވޭނެ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން. މި ކަމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކަށް އަމާޒުކޮށް ހައިކޯޓުން އަންނަނީ މަސައްކަތް ކުރަމުން،" ހައިކޯޓުން ބުންޏެވެ.
އެގޮތުން ކޯޓަށް ވާސިލްވެވޭނެ ފަސޭހަ ގޮތްތައް ފަހިކޮށްދިނުމާއި ޓެކްނޮލޮޖީގެ ގޮތުން ޚިދުމަތްތައް އަވަސްކޮށް ލިބޭނެ ގޮތް ހެދުމާއި ކޯޓުގެ އެތެރޭގެ ހިންގުން ވަކި ހަމަތަކެއް ކަނޑައެޅިގެން ކުރިއަށް ގެންދިޔުން އަދި ކޯޓުގެ މުވައްޒަފުންނަކީ ފެންވަރު ރަނގަޅު ޚިދުމަތެއް ދެވޭނެ ބަޔަކަށް ހެދުން ހިމެނޭ ކަމަށް އެ ކޯޓުން ބުންޏެވެ.
ހައިކޯޓުން ބުނީ ރާއްޖޭގެ އުތުރާ ދެކުނުގައި ހައިކޯޓުގެ ގޮފިތައް ގާއިމްކޮށް، ގޮފިތައް ގާއިމްކުރެވުނު ފަހުން ޝަރުއީ ވަފުދުން އަތޮޅުތަކަށް ގޮސް 190 މައްސަލަ ނިންމާފައިވާ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ވޭތުވެ ދިޔަ 40 އަހަރު ދުވަހު ހައިކޯޓުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގަން ފެށުން ފާހަގަކޮށްލެވޭ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
"މީގެ އިތުރުން ކޯޓުގެ އެތެރޭގެ އިދާރީ މަސައްކައްތައް މޯލްޑިވްސް އީ ކޯޓު މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ކުރަން ފެށުން ހިމެނޭ. އަދި މިއަހަރު ތެރޭގައި ކޯޓުގެ ޝަރީއަތުގެ މަރުހަލާގެ ހުރިހާ ހަރުފަތެއް ޓެކްނޮލޮޖީގެ ޒަރީޢާއިން ފުރިހަމަ ކުރުމަށްޓަކައި ކޯޓު މޮޑިއުލް ބޭނުންކުރަން ފެށުމަށް ކުރެވޭ މަސައްކަތްތައްވެސް ފާހަގަކޮށްލެވޭ،" ހައިކޯޓުން ބުންޏެވެ.
އެ ކޯޓުން ކޮވިޑް-19 ގުޅިގެން ދިމާވި ހާލަތުގައި ކޯޓުގެ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް އޮންލައިންކޮށް ޝަރީއަތްތައް ބާއްވަން ފެށި އެވެ. އަދި އެއާއެކު ފަނޑިޔާރުންނާއި މައްސަލައިގެ ޚަސްމުން، އެ މީހަކު ތިބިތަނެއްގައި ތިބެ އިންޓަނެޓް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ފެށިކަން ހައިކޯޓުން ފާހަގަކުރި އެވެ.
އިތުރު ކުރިއެރުން ލިބުމަށް އެދެން..