ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވި މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދަން އީސާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ) ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގެންފި އެވެ.

މިއަދު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް އަސްރާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ނިންމާލުން އެދޭ ކަމަށެވެ. ސަބަބަކީ އެ މައްސަލައިގައި އީސަގެ މައްޗަށް ޝަރީއަތުން ހުކުމެއް އައުން އިންސާފުވެރި ނޫން ކަމަށް އަސްރާ ވިދާޅުވި އެވެ.

އަސްރާ ވިދާޅުވި ގޮތުގައި އީސައާ ދެކޮޅަށް ގެވެށިއަނިޔާގެ މައްސަލަ ހުށަހަޅާ ބަޔާން ދިނީ ޖަޒުބާތުގައި ޖެހިގެން ކަމަށާއި އެކަން އެހެންވީ އީސާ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.

އަސްރާ ވިދާޅުވީ މައްސަލައިގައި ކަން ވީ ގޮތް އެންމެ ފަހުން ފުލުސް އޮފީހަށް ދިން ބަޔާނުގައި ކިޔައިދީފައިވާނެ ކަމަށާއި ދިމާވި މައްސަލަ ދެމަފިރިންނަށް ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ އެވެ. އަދި މިކަމުގައި އިސްކުރަން ބޭނުންވަނީ ދަރިފުޅުގެ މަސްލަހަތު ކަމަށް ވެސް ވިދާޅުވި އެވެ.

އަދި އެމައްސަލާގައި ފުރަތަމަ ދީފައިވަނި ހައްސަ ބަޔާނެއް ނޫން ކަމަށްވެސް ޕީޖީ އޮފީހަށް ފޮނުއްވި ސިޓީގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަސްރާގެ ސިޓީއެއް މިއަދު ލިބިފައިވާ ކަން ޕީޖީ އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް އެ ސިޓީއާ ގުޅޭ އިތުރު ތަފްސީލެއް ޕީޖީ އޮފީހުން ހާމަކޮށްފައިނުވާއިރު އީސަގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.

މީގެ ކުރިން އަސްރާ ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ. އޭނާ އެގޮތަށް އެދިވަޑައިގަތް ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުން ހުއްޓައެއް ނުލައެވެ. އަދި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކުރަން ޕީޖީ އަށް ފޮނުވި އެވެ.

އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ އާއި ދަރިފުޅަށް ވެސް އަނިޔާ ކުރަން އުޅުނު މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަހުއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ގެވެށި އަނިޔާގެ ތުހުމަތުގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދުނެވެ. އެކަމަކު އެ ކޯޓުން ގާނޫނީ ސަބަބުތަކާ ހެދި އެފަދަ އަމުރެއް ނެރެނުދިނެވެ.

ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ ވަނީ އޭނާ މުގައްރިރުކަން ކުރެއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

މި މައްސަލަ ސާބިތުވި ނަމަވެސް އީސަގެ ގޮނޑިއެއް ނުގެއްލޭނެއެވެ. އެއީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން، މެމްބަރެއްގެ ގޮނޑި ގެއްލޭނީ އެ މީހެއްގެ މައްޗަށް 12 މަހަށް ވުރެން ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމުންނެވެ.