ސްކޭމަރުން މިދިޔަ އަހަރުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާގައި ބައިވެރިވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ތަހުގީގުތަކުން އެގުނު ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހަޅާފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށެވެ.
ފާއިޒު ވިދާޅުވީ، މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން އައި އިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުން ދިޔަކަން ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުން ދަނީ ވަރަށް ރޭވުންތެރިކަމާ އެކުގައި ކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައި ވެސް މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު އެ މީހުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މީސް މީހުންނަށް އެންމެ ގިނައިން ގުޅަމުންދަނީ ޖަލުގައި ތިބޭ ގައިދީން ކަމަށް ފާއިޒު ވިދާޅުވި އެވެ. އެގޮތުން މާފުށީ ޖަލުގެ އިތުރުން މިހާރު ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑު އަތޮޅުގައި ވެސް މި މައްސަލަތައް އިތުރުވަމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެ ސަރަހައްދުތަކުގައި ވެސް މިކަމުގައި ހަރަކާތްތެރިވަމުން ދަނީ ޖަލުން މިނިވަން ވެފައިވާ މީހުން ކަން ފާހަގަކުރެވޭ. އެހެންކަމުން ކޮންމެ މީހަކު ވިޔަސް ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮން ބައެއްކަން ދެނެގަތުމަށާ އަދި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކުރަން،" ފާއިޒު ވިދާޅުވި އެވެ.
މީގެ އިތުރުން ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގައިވެސް މަކަރާއި ހީލަތް ހަދަމުންދާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ވައިބާ އަދި ޓެލެގްރާމް ގްރޫޕްތަކުގައި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަމާއި ޑޮލަރު ދޭނެ ކަމަށް ބުނެ ދިވެހި ރުފިޔާ އަތުލުމަށްފަހު ޑޮލަރު ނުދޭ މައްސަލަތައް މިހާރު ހުށަހަޅަމުންދާކަން ފާއިޒު ފާހަގަ ކުރެއްވި އެވެ.
އެފަދަ މުއާމަލާތްތަކާ ގުޅުންހުރި 72 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަަތަކުގައި 1.4 މިލިއަން ރުފިޔާގެ ގެއްލުން އެކި މީހުންނަށް ވަނީ ވެފަ އެވެ.
ފާއިޒުގެ އިތުރުން ދެން ޕްރޮގްރާމްގައި ބައިވެރިވި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެން ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އާންމު ގޮތެއްގައި ޖަލުން އަންނަ އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމަށެވެ. އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގާފައި ހުންނަކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަ ނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތައް ހުށަހެޅޭ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން އެ މީހުން ފުރަތަމަ ފިހާރައަށް ގޮސް ތަކެތީގެ އަގު ބަލައި އެނބުރި ގޮސް ދެން އަލުން ފިހާރައަށް ދަނީ އެ އަގުތައް ހިމަނައިގެން ސައްހަ ނޫން ސްލިޕް ތައްޔާރުކޮށްގެން ކަމަށް ނާޙިދު ވިދާޅުވި އެވެ.
އަދި ފިހާރައިން ތަކެތި ނެގުމަށްފަހު މަކަރުވެރިޔާ ތައްޔާރުކޮށްގެންދިޔަ ސައްހަ ނޫން ސްލިޕް ފިހާރައިގެ ނަމްބަރަށް ވައިބާ ކޮށްފައި ހުންނަ ކަން ވެސް ނާހިދު ފާހަގަކުރެއްވި އެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމަށް ފިހާރަތަކުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ތަކެތި ހަވާލުކުރުމުގެ ކުރިން އެ ފައިސާ ފިހާރައިގެ އެކައުންޓަށް ޖަމާވެފައިހުރިތޯ ޔަގީންކުރުމަށް ނާހިދު އެދިވަޑައިގެންނެވި އެވެ.