ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް އެކުލަވާލާފައިވާ "މޭ ހައެއް" ކޮމިޓީއަށް ނަޝީދުގެ ފަރާތްޕުޅުން ރާއްޖެއިން ބޭރުގެ ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ކޮމަންވެލްތުގެ ގައުމެއްގައި މިފަދަ ތަހުގީގެއް ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން އައްޔަން ކުރައްވާނެ ބޭފުޅަކު އެމަނިކުފާނު ހޯއްދަވަމުންދާ ކަމަށް އަފީފް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފަރާތުން ކަނޑައަޅުއްވާ މެމްބަރުގެ އިތުރުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންނާ ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ހަމަލާގެ ތަހުގީގުގެ އަމާޒު ހަމައެކަނި ހަރުކަށި ފިކުރާ ދިމާލަށް ހުރި ކަމަށް ބުނެ އެ ކޮމިޓީގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މުހައްމަދު އަމީނު އަވަހާރަކޮށްލީ ކޮން ފިކުރެއްގެ ބައެއްބާ.
ސަމާލުވޭ