ޖިސްމާނީ ހަރަކާތްތެރިވުން މަދުވުމަކީ ކޮވިޑް -19 ޖެހިއްޖެނަމަ އެ ބަލީގެ ސަބަބުން ހާލު ސީރިއަސްވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން ހެދި މި ދިރާސާގައި ބުނާ ގޮތުން މިދުވަސްވަރު ހެލިފެލިވެ ނޫޅޭ މީހުން ކޮވިޑް ބަލީގައި އައިސީޔޫގެ ފަރުވާ ހޯދަން ޖެހޭ މިންވަރު އެނޫން މީހުންނަށް ވުރެ ވަރަށް ބޮޑުތަން އިތުރެވެ.

އެހެން ކަމުން މި ދުވަސްވަރު ފުރަބަންދުގައި ތިބި ނަމަވެސް ހަރަކާތްތެރިވެ އުޅުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ. އެގޮތުން ގޭގައި ކުރެވިދާނެ ވަރަށް ފަސޭހަ ކަންތައްތައް ހުރެ އެވެ.

އެންމެ ފުރަތަމަ ކަމަށް ގޭގެ ކަންކަމުގައި މަސްއޫލުވެ އުޅޭށެވެ. ބުނާ ބުނުމަށް ފަސޭހަ ވިޔަސް އެއީ ހަށިގަނޑަށް އޭގެ އަސަރު ކުރުވާ ވަރަށް އަވަހަށް ވަރުބަލި ކޮށްލާ ކަމެކެވެ.

މިއާއެކު ހަރަކާތްތެރިވެ އުޅެވޭނެ ފަދަ ކޮންމެވެސް މަސައްކަތެއް ފަށާށެވެ. ކުޑަ ވިޔަފާރިއެއް ނުވަތަ ގަސް ހެއްދުން ފަދަ ކަންކަމަކީ ވެސް އެކަންކަމުގެ ސަބަބުން ހަށިގަނޑަށް ހެލިފެލިވެ އުޅުމުގެ ފުރުސަތު ދޭ ކަންކަމެވެ.

ކަސްރަތުކުރަން ބޭރަށް ދިއުން ރައްކާތެރި ނޫން ނަމަ ގޭގައި ކުރެވޭ ފަދަ ކަސްރަތުތައް ކުރުމަށް ވަގުތު ހުސް ކުރާށެވެ. ގޭތެރޭގައި ހުސް ޖާގައެއް އޮތްނަމަ އެ ތަންކޮޅެއްގައި ހިނގާލުމަކީ ވެސް ކުރެވޭ ކަސްރަތެކެވެ.

މި ކަންކަމުގެ އިތުރުން ކެއިން ބުއިމުގެ ކަންކަމުގައި ސަމާލުވާ ނަމަ އަދި ސިއްހަތަށް ރަނގަޅު ގޮތްތައް ޚިޔާރު ކުރާނަމަ ކޮވިޑް ބަލީގައި ހާލު ދެރަވުމުގެ ފުރުސަތު ކުޑަ ކޮށްދެ އެވެ.