މަލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު މާދަމާ ކަނޑައަޅަން ނިންމައިފި އެވެ.

ޕީޕީއެމް އިން ބުނީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމް އިން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުން މާދަމާ 1:00 ގައި އޮންނާނެ ކަމަށެވެ.

އެ ބޭފުޅަކު ކަނޑައަޅަނީ ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބުވި ހުރިހާ ކައުންސިލަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނަކީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އެ ބޭފުޅުންގެ މެދުގައި ވާދަވެރިކަން ވަނީ އުފެދިފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެބޭބޭފުޅުންގެ ސަޕޯޓަރުން ގެންދަވަނީ ކެމްޕެއިން ކުރަމުންނެވެ.

ޕީޕީއެމް އިން ވަނީ މޭޔަރުގެ އިތުރުން އިތުރު 11 ގޮނޑި ސިޓީ ކައުންސިލުން ކާމިޔާބު ކޮށްފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކޮށް ކާމިޔާބު ކުރެއްވި ކައުންސިލަރަކު ވެސް ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފަ އެވެ.