ތެހެރާން (19 ޖޫން) - އީރާނުގެ ރައީސްކަމަށް އެ ގައުމުގެ ޣާޒީއެއް ކަމަށްވާ އިބްރާހިމް ރައިސީ ފުރިހަމަ އަޣްލަބިއްޔަތަކުން އިންތިޚާބުވެ ވަޑައިގެންފި އެވެ.

ހުކުރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައިސީއަށް 62 ޕަސެންޓް ލިބިފައިވެ އެވެ. އެއީ 17.8 މިލިއަނަށް ވުރެ ގިނަ ވޯޓެވެ.

ރައިސީއަށް އެންމެންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޒާރިފު ވަނީ ވިދާޅުވެފަ އެވެ.

ޒާރިފު އިތުރަށް ވިދާޅުވީ ރައިސީއަކީ އީރާނުގެ ރައްޔިތުން އުއްމީދުކުރާ ފަދަ ރައީސަކަށްވާނެ ކަމަށާއި އެ މަނިކުފާނުގެ ރިޔާސަތުގައި އެ ގައުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ރައިސީ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ ވާދަކުރި ދެ ކެންޑިޑޭޓުންނާ ވާދަކޮށް ކަމަށް ވީއިރު އެ ދެ ކެންޑިޑޭޓުން ވަނީ ބަލި ގަބޫލުކޮށް ރައިސީއަށް މަރުހަބާ ކިޔާފަ އެވެ. -- އަލް އަރަބިއްޔާ