ކޮވިޑް -19 ޖެހި ރަނގަޅުވާ މީހުންގެ ސިކުނޑީގެ ޓިޝޫތަކަށް އަސަރުކުރާ ކަމަށް ސައިންސްވެރިން ހެދި އެންމެ ފަހުގެ ދިރާސާތަކުން ދައްކައިފި އެވެ.

ކޮވިޑް އެންމެ ކުޑަކޮށް ޖެހޭ މީހުންގެ ސިކުނޑިއަށް ވެސް ދިގު މުއްދަތެއްގެ ގެއްލުން ލިބޭ ކަމަށް 782 މީހުން ބައިވެރިވި މި ދިރާސާއިން ދައްކަ އެވެ.

ކޮވިޑް ޖެހުމުގެ ކުރިން ސިކުނޑީގެ ސްކޭނެއް ކޮށްފައިވާ މީހުން އެ ބަލިން ރަނގަޅުވުމަށްފަހު ހެދި ސިކުނޑީގެ ސްކޭންތަކާ އަޅާ ކިޔުމަށްފަހު ސައިންސްވެރިން ހާމަކޮށްފައި ވަނީ ސިކުނޑީގެ ހިއްސުތަކާ ގުޅުންހުރި ބައިން ޓިޝޫ މަދުވެ، ގެއްލުން ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ހަނދާނާ ގުޅުން ހުރި ސިކުނޑީގެ ބަޔަށް ވެސް ކޮވިޑްގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ބައެއް މީހުންގެ ސްކޭންތަކުން ދައްކާފައިވެ އެވެ. އެއާއެކު ބައިވެރިވި ވޮލަންޓިއަރުންގެ މަދު ބަޔަކަށް އިހްސާސްކުރުމުގެ ދަތިތަކެއް ވެސް ކުރިމަތި ވެފައިވާ ކަމަށް ފާހަގަ ކުރެވެ އެވެ.

މި ދިރާސާއާ އެކު ސައިންސްވެރިން ވަނީ ކޮވިޑްގެ ސަބަބުން ބަލި މީހުންގެ ނާރުތަކުގެ ނިޒާމަށް ދިގު މުއްދަތެއްގެ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.