ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހަވާލުކުރަން ނިންމާފައިވަނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށް، ތަށިމުށި ނުޖަހާ، ފަންކާ އަދި ލައިޓްތައް ވެސް ހަރުނުކޮށެވެ. އަދި ފްލެޓްގެ އެޕާޓްމަންޓްގައި ކުލަލާން ވެސް ޖެހެނީ އެ ފްލެޓް ލިބޭ ފަރާތުންނެވެ.

ފްލެޓް ހަވާލުކުރާތާ ތިން މަސްދުވަސް ތެރޭގައި މި އެޕާޓްމަންޓްތަކުގެ ފިނިޝިން މަސައްކަތްކޮށް ނިންމުމަށް އެޗްޑީސީން ބުނެފައިވާއިރު އެ މުއްދަތުގެ ތެރޭގައި އެއްވެސް ފީއެއް ވެސް ނުނަގާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން މާލެގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރަން ޖެހެނީ އަމިއްލައަށް ކަމަށްވާތީ ދީފައިވާ ތިން މަހުގެ މުހުލަތުގެ ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނީ މަދު ބަޔަކަށް ކަމަށެވެ. އަދި ފިނިޝިން މަސައްކަތް ނިންމުމަށް މަދުވެގެން ނުވަ މަސް ދުވަސް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

އެހެންކަމުން އެގޮތަށް ނުވަ މަސް ދުވަހުގެ މުއްދަތެއް އެކަމަށް ހަމަޖައްސައިދެއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ރައީސް އޮފީހުގައި އެދިވަޑައިގެންފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހިޔާފްލެޓް ލިބުނު ފަރާތްތަކުން އެގްރިމެންޓްގައި ސޮއިކުރަން ފަށާނެ ކަމަށެވެ. އަދި ޖުލައި މަސް ނިމުމުގެ ކުރިން ހުރިހާ ފަރާތްތަކާއެކު ސޮއިކޮށް ނިންމާލެވޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ދައްކާލުމުގެ މަސައްކަތްތައް ވެސް ފެށާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ،.

ހިޔާ ފްލެޓްގެ އަގު ކުޑަ ކުރުމަށް ވެސް މޭޔަރު މުއިއްޒު މީގެ ކުރިން ވަނީ ގޮވާލައްވާފަ އެވެ. އެހެން ނަމަވެސް ސަރުކާރުން ބުނެފައި ވަނީ މިހާރުވެސް ހިޔާ ފްލެޓް އަގު ކަނޑައަޅާފައިވަނި ކުޑަ ކޮށް ކަމަށެވެ. އެގޮތުން މިހާރު ހިޔާ ފްލެޓްގެ ކުލި ގޮތުގައި ކަނޑައަޅާފައި ވަނީ މަހުފީގެ ގޮތުގައި 7،500 ރުފިޔާ އެވެ. މަހުފީގެ އިތުރުން ސާވިސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާ ނަގަން ވަނީ ނިންމާފަ އެވެ.