އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ބަޔަކު ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނިއްޖެ އެވެ.

ފުލުހުން މިއަދު ހެނދުނު ބުނީ އެ ކުއްޖާ ގެއްލުނު މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދަން ކުރި މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮތްވައި ރޭ ދަންވަރު 2:38 ގައި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކުއްޖާ މަރާލުމަށްފަހު ފޮއްޓަކަށްލާފައި އެއްލާލާފައި އޮތީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުންނަށް ވަދެވޭ ގޮތަށް އޮންނަ ހިސާބު މޫދުގަ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައިވާ އޮތްވައި ފެނުނު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި ފުލުހުން މިއަދު ހެނދުނު ޓޭޕް ދަމާފައި. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

ފުލުހުން މިހާރު އެ ކުއްޖާ ފެނުނު ސަރަހައްދުގައި ޓޭޕް ދަމައި، ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މަރާލާފައިވާ ކުއްޖާގެ ހަށިގަނޑު ފުލުހުން ގެންދިޔައީ އައިޖީއެމްއެޗަށެވެ. މި ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައިވާ އޮތްވައި ފެނުނު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި ފުލުހުން މިއަދު ހެނދުނު ޓޭޕް ދަމާފައި. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ