ރަހީނު ކުރުމަށްފަހު މަރާލައި، ހުޅުމާލޭ ފޭސް ދޭއްގެ ފަޅު ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަން ޖެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަަޖިލީހުގެ ހިއުމަން ރައިސްޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވަނީ އެ ކުއްޖާގެ މަރާ ގުޅިގެން ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިންތިފާގުން ނިންމީ އެ ޖަރީމާއާ ބެހޭ ގޮތުން ދައުލަތުގެ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ލިއުމުން ހޯދުމަށާއި މަރުވި ކުއްޖާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުން އެކުއްޖާއާ މެދު އަމަލުކޮށްފައި އޮތް ގޮތް ބެލުމަށެވެ.

އެގޮތުން މައުލޫމާތު ހޯދުމަށް ހަމަޖެހިފައި ވަނީ ޕޮލިހާއި ޖެންޑާ މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ. ކޮމިޓީން ނިންމީ މުއައްސަސާތަކުގެ ވެރިންނާ އެކު ބައްދަލުވުމުގެ ކުރިން ރަސްމީ އިދާރާތަކުން ފުރަތަމަ މައުލޫމާތު އެއްކުރުމަށެވެ. އެއަށްް ފަހު ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިންނާ އެކު އަންނަ ހޮނިހިރުދުވަހު، ބައްދަލުވުމެއް ބާއްވާ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.

އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ލިއުމުން އެއްކުރާ މައުލޫމާތު ލިބުނުހާ އަވަހަކަށް، އެ މައުލޫމާތާ ބެހޭ ގޮތުން ކޮމިޓީގެ މެމްބަރުންނާ މަަޝްވަރާކުރައްވާނެ ކަމަށެވެ. އެކަމަކު އެއީ ރަސްމީ ބައްދަލުވުމަކަށް ނުވާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އެ ކުއްޖާގެ އަބުރަށް ހުތުރުވާ ގޮތަށް ލިއުނު މައްސަލަ ބަލަން ވެސް ވަނީ ނިންމައިފަ އެވެ. މަރާލި ކުއްޖާއަށް އެގޮތް މެދުވެރިވީ އެ ކުއްޖާ އުޅުނު ގޮތުން ކަމަށް ދޭހަވާ ގޮތަށް، ލިޔެ، އެ ކުއްޖާގެ އަބުރަށް ހުތުރުވާ ގޮތަށް ޚަބަރު ފެތުރި މީޑިއާތަކުގެ މައްސަލަ ކަމާ ބެހޭ މުއައްސަަސާތައް މެދުވެރިިކޮށް ބެލުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

މާފަން އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ވިކްޓިމް އިތުރަށް ވިކްޓިމައިޒްވާނޭ ގޮތަށް ބައެއް ނޫސްތަކުގައި ލިޔަމުން އަންނަ ކަމަށެވެ.