ނިއުޔޯކް(24 ޖޫން) - ދުނިޔޭގެ މަޝްހޫރު އިންވެސްޓަރެއް ކަމަށްވާ އެމެރިކާގެ ބިލިއަނަރު ވޮރަން ބުފެޓް މަޝްހޫރު ބިލިއަނަރު އަދި މައިކްރޯސޮފްޓްގެ ބަނީ ބިލްގޭޓްސް އަދި އޭނާގެ ކުރީގެ އަންހެނުން މެލިންޑާ ގޭޓްސް އުފެއްދި ބިލް އެންޑް މެލިންޑާ ގޭޓް ފައުންޑޭޝަންގައި އޭނާ ފުރަމުން ދިޔަ ޓްރަސްޓީއެއްގެ މަގާމުން އިސްތިއުފާ ދިންކަން އިއުލާން ކޮށްފި އެވެ.

މީގެ 15 އަހަރު ކުރިން ބާކްޝަޔާ ހާތަވޭ އިންކްގެ ނަމުގައި ކުންފުންޏެއް އުފެއްދި ވޮރަން ވަނީ އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ސަދަގާތްކުރަން ނިންމާފަ އެވެ.

އުމުރުން 90 އަހަރުގެ ވޮރަން ގޭޓްސް ފައުންޑޭޝަން އިން އިސްތިއުފާ ދިން ސީދާ ސަބަބެއް އެނގިފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އޭނާގެ އަމިއްލަ ކުންފުނީގެ މަގާމްތައް ފިޔަވައި ފުރަމުން އައި ހުރިހާ މަގާމަކުން އިސްތިއުފާދީ މަސައްކަތުގެ ބުރަ ލުއިކުރުމަކީ އެ ނިންމުމުގެ އެއް ސަބަބެވެ.

ދުނިޔޭގެ އެންމެ ބޮޑު މުއްސަނދިންގެ ތެރޭގައި ހިމެނޭ ވޮރަން ވަނީ ގޭޓްސް ފައުންޑޭޝަނުގެ ޓްރަސްޓީއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އެ ފައުންޑޭޝަން ހިންގުމުގައި ޗީފް އެގްޒެކެޓިވް މާކް ސޫޒްމަންއަށް އެއްބާރުލުން ދީފަ އެވެ.

ވެރަން ވަނީ 2006 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައިއިރު އޭނާގެ ކުންފުނި ކަމަށްވާ ބާކްޝަޔާ ހާތަވޭގެ 41.5 ބިލިއަން ޑޮލަރުގެ ހިއްސާ ހަދިޔާ ކޮށްފަ އެވެ.

މިދިޔަ މަހު ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާ ގޭޓްސްގެ ގުޅުން ނިމުމަކަށް އައުމާއެކު ގޭޓްސް ފައުންޑޭޝަންގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. – ރޮއިޓާސް