ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އެޑްމިޓު ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެއެވެ. އަދި އައިސީޔޫގައި މީހަކަށް ފަރުވާދެމުން ނުދާތާ ހަތަރު ދުވަސްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެޗްއީއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް ބަލީގެ މީހުންނަށް ޚާއްސަ ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެއްވެސް މީހަކު ނެތް އިރު، އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި ވެސް އޮތީ އެކަކު ކަމަށެވެ.
އަދި ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި 58 މީހަކަށް ފަރުވާ ދެމުން އަންނަ އިރު، ހުރިހާ އެންމެން ވެސް ތިބީ ވޯޑުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި ތިބީ ހަ މީހެކެވެ. އެ އެންމެން ވެސް ތިބީ ވޯޑުގަ އެވެ.
އެހެންކަމުން މިވަގުތު އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދަކީ 65 އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ އަދަދު އުޅުނީ 80 އިން މަތީގަ އެވެ. މިދިޔަ މަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު 170 އަށް ވުރެ މައްޗަށް އެރި އެވެ. އެކަމަކު، ފަހުން އައިސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ދިޔައީ ވަރަށް ބޮޑު ތަން މަދުވަމުންނެވެ.
ރާއްޖެ އިން މިހާތަނަށް 10،567 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލީގައި މަރުވެފައި ވަނީ 34 މީހުންނެވެ.