ހުޅުމާލެ ފޭސް ދޭއްގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުުވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލެ ހިންގާ އެޗްޑީސީން ބުނީ، ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާނީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުން ކަމަށެވެ. އަދި އޭގެފަހުން މަގުތަކާއި ޕާކްތައް އަދި އޭނުން ވެސް އާންމުން އުޅޭ ސަރަހައްދުތަކުގައި ކެމެރާ ހަރުކުރާނެ ކަމަށެވެ.

އެޗްޑީސީން ބުނީ ކެމެރާ ހަރުކުރުމަކީ އެތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ސީސީޓީވީ ކެމެރާ އަކީ އެތަނެއްގެ ރައްކާތެރިކަން ބެލެހެއްޓުމަށް މުހިންމު އެއްޗެއް. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ސީސީޓީވީގެ ސަބަބުން ކުއްތައް ވަނީ މަދުވެފައި،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ގިނަ ފަހަރު ކަމާބެހޭ ފަރާތްތަކަށް ކުށުގެ މައްސަލަތައް ބަލައި ހުއްޓުވުމަށް އޮންނަ މައިގަނޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ނުލިބުމެވެ. ބޭރުގެ ނުވަ ގައުމަކުން ކޮށްފައިވާ ދިރާސާތަކާ ހަވާލާދީ އެޗްޑީސީން ބުނީ ސީސީޓީވީ ކެމެރާތަކުގެ ސަބަބުން އެތަނެއްގައި 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކުށްތައް މަދުކުރެވޭ ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުގެ މަސައްކަތްތައް 20 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހަލުވިވެގެންދާ ކަމަށެވެ.

ކެމަރާ ހަރުކުރުމުގެ މަސައްކަތް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފެށި ނަމަވެސް އެޗްޑީސީން ނިންމާފައިވަނީ މުޅި ހުޅުމާލޭގައި ކެމަރާ ހަރު ކުރުމަށެވެ. އޭގެ ފަހުން އެޗްޑީސީގެ ޖީޕީއޯއެން ނެޓްވޯކްގެ ތެރެއިން ހުރިހާ ކެމަރާއެއް ގުޅާލުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

އޭގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކަށް ބަދަލުވަމުންދާ ހާލަތާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅޭނެ ކަމަށް އެޗްޑީސީން އުއްމީދު ކުރެ އެވެ.