ކިޑްނީ ބައްޔަކީ މިއަދު އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ބައްޔެކެވެ. ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް މި ބަލިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

ތަދު ކަނޑުވާ ބޭސްތަކާ ދުރުވުން

ތަދު ކެނޑުވުމަށް ތައްޔާރުކޮށްފައި ހުންނަ ބޭސްތަކަކީ ބާރުގަދަ ބޭސްތަކެކެވެ. އެ ބޭސްތަކުގައި ގިނަ އަދަދަކަށް ހަށިގަނޑުން ބޭރުކުރަން ޖެހޭ މާއްދާތައް ހިމެނެ އެވެ. ނަތީޖާއަކީ ކިޑްނީއަށް ބާރުބޮޑުވެ ގެއްލުންވުމުގެ ފުރުސަތު ބޮޑުވުމެވެ.

ފޮނި ކާތަކެތި ނުކެއުން

ކިޑްނީތަކަށް ގެއްލުންދޭ އެހެން ބައްޔަކީ ހަކުރު ބައްޔެވެ. ލޭގެ ހަކުރުގެ މިންވަރު އެއްވަރެއްގައި ނުހިފެހެއްޓޭ ނަމަ ކިޑްނީއަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެ އެވެ. އެހެންކަމުން ފޮނި ކާތަކެއްޗާ ވީހާ ވެސް ދުރުވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ދިޔާ ތަކެތި ބުއިން ގިނަކުރުން

ސިއްހަތު ރަނގަޅު ކިޑްނީއެއްގެ އެންމެ ބޮޑު ސިއްރަކީ އެކަށީގެންވާ ވަރަށް ފެން ލިބުމެވެ. ފެން ލިބުން އިތުރުވި ވަރަކަށް ކިޑްނީ ހިމެނޭހެން ކުޑަކަމުދާ ނިޒާމުގެ ހިނގުން ރަނގަޅު ކޮށްދެ އެވެ. ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމަކީ ސިއްހަތު ރަނގަޅު ކިޑްނީއަކަށް ޑޮކްޓަރުން ލަފާދޭ އެންމެ މުހިއްމު އެއް ކަމެވެ.

ކިޑްނީ އަކީ އިންސާނާގެ ހަށިގަނޑުގައި ހުންނަ ބޭނުން ނޫން މާއްދާތައް ހަށިގަނޑުން ބޭރުކޮށްދޭ ގުނަވަނެވެ. މި ގުނަވަނުގައި މައްސަލަ އުޅޭނަމަ ފުރާނައަށް ނުރައްކާ ވެދާނެ އެވެ. އެހެންކަމުން ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތިބާގެ ކިޑްނީގެ ސިއްހަތަށް އިސްކަން ދޭށެވެ.