ޖަރުމަނުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް ވުލްފްގަންގް ޝުއައިބުލަ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އިއްޔެ ޖަރުމަނުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އަދި ޖަރުމަންވިލާތުގެ މެކްސް ޕްލޭންކް ފައުންޑޭޝަން ފޮ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން މަޖިލީހުގެ މެމްބަރުންނާއި އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދެމުންދާ ތަމްރީނުތަކަށް ރައީސް ނަޝީދު ވަނީ ޝުކުރު ދަންނަވާފަ އެވެ.
ކުރީގެ ރައީސް ނަޝީދު ޖަރުމަން ވަޑައިގަތީ އެމަނިކުފާނަށް އަމާޒުކޮށްގެން މިދިޔަ މަހު ދިން ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށެވެ.
މި ބައްދަލުކުރެއްވުމަކީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ރަސްމީ ގޮތުން ބޭއްވި ފުރަތަމަ ބައްދަލުވުންކަން ފާހަގަ ކޮށްލެވެ އެވެ. ރައްޔިތުންގެ މަޖިލީހުން އަންނަނީ އެހަމަލާއާއި ގުޅުގެން އިންކުއަރީއެއް ކުރިއަށް ގެންދަމުންނެވެ. މިމަހުގެ ނިޔަލަށް އިންކުއަރީގެ މަސައްކަތް ނިންމާލުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.