ޝަންހާއީ (25 ޖޫން) - ޗައިނާގެ ވޫހާންގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކޮވިޑް-19 ފެތުރެން ފަށާފައިވާ ކަމަށް އަލަށް ހެދުނު ދިރާސާއަކުން ދައްކައިފި އެވެ.

މިއީ ކޮވިޑްގެ ފުރަތަމަ ކޭސް އެ ގައުމުން ފެނުމުގެ ދެ މަސްކުރި ކަމަށް ވީއިރު، ވައިރަސް ފެތުރިގަންނަށް ދެ މަހުގެ މުއްދަތު ލިބުނު ކަމަށް ދިރާސާގައި އަންދާޒާ ކޮށްފައިވެ އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކެންޓްގެ ދިރާސާވެރިން ކޮންޒަވޭޝަން ސައިންސް ބޭނުންކޮށްގެން ހެދި މި ދިރާސާގައި ކޮވިޑް-19 ބަލިމަޑުކަމެއްގެ ގޮތުގައި ފެތުރެން ފެށި ތާރީޚަކަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ކަމަށް ލަފާ ކޮށްފައިވެ އެވެ.

ޗައިނާގައި އެންމެ ފުރަތަމަ ކޮވިޑް -19ގެ ކޭސްއެއް ފެނިފައި ވަނީ އެ އަހަރުގެ ޑިސެމްބަރު މަހު ވޫހާންގެ ހުނާން ސީފުޑް މާކެޓުންނެވެ.

މީގެ ކުރިން ޗައިނާއާއި ޑަބްލިއުއެޗްއޯ ގުޅިގެން ހެދި ދިރާސާއެއްގައި ޑިސެމްބަރު މަހު ކޮވިޑްގެ ކޭސްތައް ފެނުމުގެ ކުރިން ވެސް އިންސާނުންގެ ތެރޭގައި އެ ބަލިމަޑުކަން ފެތުރެން ފަށާފައިވާ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފައިވެ އެވެ.

ކޮވިޑް -19ގެ އަސްލާ ބެހޭގޮތުން ގިނަ ބަހުސްތަކެއް ކުރެވެމުންދާ މި ދަނޑިވަޅުގައި ޗައިނާއަށް ގިނަ ފިއްތުންތަކަކާ ދަނީ ކުރިމަތި ވަމުންނެވެ. – ޗެނަލް ނިއުސް އޭޝިއާ