އެއްވެސް އަސާސެއް ނެތި، ސިޔާސީ ބޭނުމަށް ގާނޫނާ ހިލާފަށް މީހުން ހައްޔަރުކޮށްގެން ނުވާނެ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް، ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދީފި އެވެ.

ކްލަބް ހައުސްގެ އެމްޑީޕީ ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ހިފައި ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޕީއެމް، ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ރައީސް ނަޝީދުގެ ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި މީހުން ހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތް ގާނޫނުއަސީސީ އާއި ގާނޫނުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން ޕީޕީއެމް، ޕީއެންސީން ވަނީ ހަނދާންކޮށްދީފަ އެވެ.

"ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި އެއްވެސް އަސާސެއް ނެތި ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ, އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދެކެމެވެ." އެ ބަޔާނުގައިވެ އެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ ޓެރަރިޒަމް ހުއްޓުވުމަށްކައި ގާނޫނީ އިމުގެ ތެރެއިން މަސަައްކަތް ކުރުމަކީ އެ ކޯލިޝަނުން އަބަދުވެސް ގަބޫލުކުރާ ހަމަ ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް އެއްވެސް މީހަކު ހައްޔަރުކުރުމަކީ އެ ދެ ޕާޓީން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ރާއްޖޭގެ ސަލާމަތީ ކަންތައްތަކާ މެދު އެމްޑީޕީން އަންނަނީ ސުވާލު އުފައްދަމުންނެވެ.