އިންޑިއަން ޓެލެވިޒަން އިންޑަސްޓްރީގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ނިޝާ ރާވަލް އަދި ކަރަން މެހެރާގެ ޒަވާޖީ ހަޔާތުގައި މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމުގެ ހަބަރުތައް މީޑިއާ ރިޕޯޓްތަކުން ފެންނަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ނިޝާ ވަނީ ކަރަން އޭނާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ޕޮލިހަށް މައްސަލަ ހުށަހާޅައިފަ އެވެ. އަދި އެ މައްސަލައިގައި ކަރަން ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް މިވަގުތު އޭނާ ހުރީ ބެއިލް ލިބި ޖަލުން ބޭރުގަ އެވެ.
ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ކުޑަ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް ނިޝާ ރާވަލް މިވަނީ ކަރަން މެހެރާ އާ ދެކޮޅަށް އިތުރު މައްސަލަ އެއް ހުށަހަޅައިފަ އެވެ. އެއީ ގެވެށި އަނިޔާގެ މައްސަލަ އެކެވެ. އަދި މިފަހަރުގެ މައްސަލަ ހުށަހަޅާފައި ވަނީ ކަރަންގެ އިތުރުން އޭނާގެ މައިންބަފައިން އަދި ކޮއްކޮ ވެސް ހިމެނޭހެނެވެ.
މީގެ އިތުރުން ނިޝާ ވަނީ ކަރަން އޭނާގެ ބޭންކް އެކައުންޓުން އެއް ކުރޯޑަށް ވުރެ ގިނަ އިންޑިއަން ރުޕީސް ނަގާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ.
ކައިވެނިން ބޭރުން އެހެން އަންހެނަކާއެކު ކަރަން މެހެރާގެ ގުޅުން އޮންނަ ކަމަށް ވެސް ނިޝާ ރާވަލް ވަނީ ބުނެފަ އެވެ. އެ އަންހެން ކުއްޖާ ދިރިއުޅެނީ ދިއްލީގައި ކަމާއި ކަރަން އާއި އެ ކުއްޖާގެ ގުޅުން ފެށުނީ ޓީވީ ޝޯއެއްގެ މަސައްކަތެއް ކުރުމަށް ކަރަން ޗަންދީގަޅުގައި ހުރި އިރެއްގައި ކަމަށް ނިޝާ ވަނީ ބުނެފަ އެވެ.
ނަމަވެސް ނިޝާގެ ހުރިހާ ތުހުމަތުތަކެއް ކަރަން ވަނީ ދޮގުކޮށްފަ އެވެ. ކަރަން ވަނީ އޭނާ އަށް ނިޝާ އޭނާގެ ބޭބެއެއްގެ ގޮތުގައި ދެކޭ ރޯހިތްގެ ފަރާތުން މަރުގެ އިންޒާރު ލިބިފައިވާ ކަމަށް ބުނެފަ އެވެ.